ކުޅިވަރު

ޔޫރޮޕާ ލީގުގެ ނަތީޖާއާ މެދު ޑަލޮޓުގެ ނުރުހުން ކޯޗިން ޓީމަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ނަތީޖާއާ މެދު ނުރުހުންފާޅުކޮށް ކޯޗިން ޓީމާމެދު ވީހާވެސް އަވަހަކަށް ހަރުދަނާ ނިންމުމެއް ނިންމުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފުލްބެކް ޑިއޯގޯ ޑަލޮޓް ގޮވާލައިފިއެވެ.

އޭނާ މިހެން ގޮވާލާފަވަނީ ޔޫރޮޕާ ލީގުގެ ތަށި ޓޮޓްނަމް ހޮޓްސްޕަރއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން ގެއްލުމާ ގުޅިގެންނެވެ. މިތަށި ގެއްލުމާއެކު މެންޗެސްޓާއިން މިސީޒަނުގައި ތައްޓަކަށް ކުރަމުންދިޔަ އުންމީދުވަނީ ފެނަށް ގޮސްފައެވެ. މިބައްޔާއެކު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމްވަނީ އެއްވެސް ބަދަލަކާ ނުލާ އެޓީމުގެ ކޯޗުކަމުން އޭނާ އިސްތިއުފާދޭން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.

މިސީޒަނަކީ މެންޗެސްޓާގެ މުޅި ތާރީޚުގައިވެސް އެންމެ ދަށް ނަތީޖާތަކެއް ނެރެފައިވާ ސީޒަނެވެ. އެޓީމަށް ސީޒަން މިނިމުނީ ތާވަލުގެ 16 ވަނައިގައި އޮވެގެންނެވެ. މިނަތީޖާގެ ސަބަބުން މާޔޫސްވެއްޖެކަމަށާ، ކުލަބުގެ ބޯޑުން ބޭނުންނަމަ އިތުރު ކޯޗަކަށް ފުރުސަތުދިނުމަށް އޭނާ މަގާމުން ވަކިވާނެކަމަށް އަމޮރިމް ވަނީ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރއާ ވާދަކޮށް ބަލިވުމުން ޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސްވަނީ އަމޮރިމްއަށް ނުރުހުމުގެ ބަސްތައް އަމާޒުވެފައެވެ. ވަކިން ޚާއްސަކޮށް މި މެޗުގެ ނަތީޖާގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓީމު ބާކީވުމަކީ ސަޕޯޓަރުންނަށް ބަލައިގަނެވުނުކަމެއް ނޫނެވެ.

މިކަމާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ ފުލްބެކް ޑަލޮޓް ކުލަބުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ މިނަތީޖާއަކީ ބަލައިގަނެވޭނެ ނަތީޖާއެއް ނޫންކަމަށެވެ. އަދި ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުން މާޔޫސްވެއްޖެ ކަމަށާއި، އެމީހުން އެންމެ ފަހުވަގުތާ ހަމައަށްވެސް ޓީމަށް ހިތްވަރުދިނުމުގައި ތިބިކަމަށް އޭނާވަނީ ބުނެފައެވެ. އެހެންކަމުން މިއީ ސަޕޯޓަރުންނަށް ހައްގު މިންވަރު ނޫންކަމަށްވެސް އޭނާ ބުނެފަވެއެވެ.

"ވަރަށް ދެރަވޭ ސަޕޯޓަރުން މާޔޫސްކޮށްލެވުނީމަ. މިހާ އުނދަގޫ ސީޒަނެއްގެ ހުރިހާ ހިސާބެއްގައިވެސް އެމީހުން ޓީމާއެކު ތިބި. އަހަރުމެން ދަށް ނަތީޖާތަކެއް ހޯދިއިރުވެސް ދެގޮތެއް ނުވެ އެމީހުން ދަނޑަށް ވަތް" މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓުގައި ޑަލޮޓް ބުނެފަވެއެވެ.

ޑަލޮޓް ބުނެފައިވަނީ އެހެންކަމުން މިހާރު މިއީ ވިސްނާ ފިކުރުކޮށް ބަދަލެއް ގެންނަންވީ ވަގުތުކަމަށެވެ. ބޮޑެތި ނިންމުންތައް ނިންމާ ޓީމު ކޮޅަށް ޖެހުމުގެ ވަގުތު އައިސްޖެހިއްޖެ ކަމަށް އޭނާވަނީ ބުނެފައެވެ. ލަސްނުކޮށް ފިޔަވަޅު އަޅާ، އައު ހިތްވަރާއެކު އަލުން ދަނޑަށް ނުކުމެ، މިހިތްދަތި ހަނދާންތައް ފުހެލާ ސަޕޯޓަރުންގެ މޫނުތަކަށް އުފާވެރިކަން އަލުން ގެނެސްދިނުމަށް އޭނާވަނީ ގޮވާލާފައެވެ.

ކުޑަކަޅުވާއަށް ލިބުނު އަނިޔާއާ ގުޅިގެން މަހެއްހާ ދުވަހު ކުޅުމާ ދުރުގަ ހުރުމަށްފަހު ޑަލޮޓް އަލުން ދަނޑުން ފެނިގެންދިޔައީ މިމެޗުންނެވެ. ދަނޑަށް އޭނާ އަރާފަވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހުކޮޅެވެ. 2018 ވަނަ އަހަރު ޓީމާ ގުޅުނު ޕޯޗްގީޒުގެ ކުޅުންތެރިޔާ ބުނީ އެމެޗަކީ ފުން އަސަރުތަކެއް ކުރުވި މެޗެއްކަމަށެވެ. އެހެންނަމަވެސް ދެން އެނބުރި އަންނާނީ އައު ހިތްވަރަކާއެކު، ތަށިތަކެއް އުފުލާލުމަށްކަމަށެވެ.

"ތައްޓަކާ ނުލާ ސީޒަން ނިންމާލަންޖެހުމަކީ ވަރަށް ހިތްދަތި ކަމެއް. އަނެއްކޮޅުން ސަޕޯޓަރުން މާޔޫސްވެފަތިބީމަ އަހަންނަށް ވަރަށް އުނދަގުވޭ. މެޗުގަ އެންމެފަހު ވަގުތާ ހަމައަށްވެސް ނަތީޖާ އަނބުރާލެވޭތޯ އަހަރުމެން ހިތްވަރުކުރިން" ޑަލޮޓް ބުނެފައިވެއެވެ.