ށ. ބިލެއްފަހީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ބިލެއްފަހީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބިލެއްފަހީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ފައިސާ ނެންގެވުމަށް ބޭނުންކުރެއްވި ކާޑު ވަޒީރު ވަނީ ކައުންސިލްގެ ނައިބު ރައީސާ ހަވާލުކުރައްވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އޭޓީއެމްގެ ޚިދުމަތްވެސް ރައްޔިތުންނާ ގާތުން ދިނުމަށް ރައީސް ނިންމެވީ މިގޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާ ރައްޔިތުންނާ ވެސް ގާތުން ޚިދުމަތްދީ، ބޭންކުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުން ބޭންކު އެކައުންޓް ހެދުމުގެ ޚިދުމަތް ގޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީވެސް ގާތުން ފަސޭހަވާނެހެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ބިލެއްފަހީގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުކުރެވޭނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.