މެރިން ބަޔޮލޮޖީ އިންޓަރންޝިޕް ޕްރޮގްރާމުގެ ތެރެއިން ކަނޑުގެ ދިރުންތަކާއި، ވަކިން ޚާއްޞަކޮށް މުރަކައާ ބެހޭ ގޮތުން ޢިލްމީ އަދި ޢަމަލީ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ދަސްކޮށްދީފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން މުރަކަ ހުދުވުމާ ބެހޭ ގޮތުން އަދި މުރަކަ އާލާކުރުމަށް ކުރެވިދާނެ ކަންތައްތައް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.
މި އިންޓަރންޝިޕް ޕްރޮގްރާމުގެ ތެރެއިން މުރަކަ ހުދުވުމާއި ބެހޭގޮތުން ދަރިވަރުންނަށް ލިބުނު އަގުހުރި ފިލާވަޅުތަކަށް އަލިއަޅުވާލުމުގެ ކުރިން މުރަކަ ހުދުވުން ނުވަތަ ކޮރަލް ބްލީޗިންގއަކީ ކޮބައިކަން ބަލާލުން މުހިންމެވެ.
މުރަކަ ހުދުވުން ނުވަތަ ކޮރަލް ބްލީޗިންގއަކީ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ ޒޫޒެންތެލީ (ކުދި އޭލްގީ) މުރަކައިން ވަކިވެގެން ދިއުމުގެ ސަބަބުން މުރަކައިގެ ކުލަ ގެއްލި، ހުދުވެގެން ދިއުމުގެ ޙާލަތެވެ. މިކަން މައިގަނޑު ގޮތެއްގައި ދިމާވަނީ ގްލޯބަލް ވާމިންގެ ސަބަބުން ކަނޑުގެ ފެން ހޫނުވުމުގެ ސަބަބުންނެވެ.
މުރަކަ ދިރިހުރުމަށް ބޭނުންވާ ހޫނުމުނަށްވުރެ އިތުރަށް ކަނޑު ނުވަތަ ފަރުތަކުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން، މުރަކައާއި ޒޫޒެންތެލީއާއި އޮންނަ ގުޅުން ކެނޑި، މުރަކަ ހުދުވަމުންދެއެވެ.
މި ޕްރޮގްރާމުން ދަރިވަރުންނަށް މުރަކަ ހުދުވުމާ ބެހޭ އިލްމީ ފިލާވަޅުތަކެއް ނަގައިދީފައިވާއިރު މިކަން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ވަނީ ދީފައެވެ.
މިގޮތުން ދަނގަޑުން ހަދާފައިވާ ސްޓްރަކްޗަރއެއްގައި މުރަކަތައް ހަރުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ ދީފައެވެ. އަދި މި ސްޓްރަކްޗަރގައި ރިސޯޓުގެ ފަޅުތެރެއަށް ވައްޓާލާނެއެވެ.މިއީ މުރަކައިގެ އާބާދީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މި ޕްރޮގްރާމުން ދަރިވަރުންނަށް ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ މުރަކައިގެ ދިރުން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަމެވެ. އަދި، މި ޕްރޮގްރާމުގައި މުރަކައިގެ އާބާދީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ޢަމަލީ ތަޖުރިބާ ލިބި، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަންވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.
މީގެ އިތުރުން ދަރިވަރެއްގެ ހައިސިއްޔަތުން މުރަކަ ހުދުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް މި އިންޓަރންޝިޕް ޕްރޮގްރާމުގައި ވަނީ ކިޔައިދީފައެވެ. އެގޮތުން ކާބަން ފުޓްޕްރިންޓްގެ އިތުރުން ޕްލާސްޓިކް ބޭނުންކުރުން ކުޑަ ނުވަތަ މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ފަރުތަކަށް ގެއްލުން ލިބޭ ހަރަކާތްތަކާއި އެކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.
މެރިން ބަޔޮލޮޖީ އިންޓަރންޝިޕް ޕްރޮގްރާމަކީ މުރަކައިގެ ދިރުން ދެމެހެއްޓުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ކިޔާދީ، އަމަލީގޮތުން ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް މުރަކައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވިސްނި، އެކަމަށް ޢަމަލީ ގޮތުން ޙިއްޞާވުމުގެ ފުރުޞަތު ލިބިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ.