ޚަބަރު

އަޟްހާ ޢީދަށް ދިއްލުމަށް ކުލަ ބޮކިފަތި ހޯދުމަށް ގިނަ ފަރާތްތަކުންދަނީ އެދެމުން: ވަޒީރު އާދަމް ޝަރީފް


  • ބޮކިފަތި ހޯދުމަށް ކައުންސިލްތަކުން ވުޒާރާއާ ގުޅައި އަދި ސިޓީވެސް ފޮނުވަމުންދޭ

  • މިޙަރަކާތަށް އާންމުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބޭ

އަޟްހާ ޢީދަށް ދިއްލުމަށް ކުލަ ބޮކިފަތި ހޯދުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ބޮޑު އީދަށް ލައިޓް ހޯދުމަށް އެދި ގިނަ ކައުންސިލްތަކަކުން އެވުޒާރާގައި އެދެމުންއަންނަކަމަށެވެ.

"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމަށް މިދިޔަ އަހަރު ފެއްޓެވި ޚާއްޞަ ހަރަކާތެކެވެ.

މިއަހަރުގެ އަޟްޙާ ޢީދަށް ދިއްލުމަށް ގިނަ ކައުންސިލްތަކަކުން އެދެމުން ދިއުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދަށް ދިއްލި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރުންވެސް އެހެން ރަށްރަށުން އެރަށްތައް ދިއްލުމަށް އެދި މިހާރުވެސް ކައުންސިލްތަކުން އެވުޒާރާއަށް ގުޅައި، ސިޓީތައް ފޮނުވަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ، "ޢިދު އަލި" ހަރަކާތަށް އާންމުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށާއި، މީގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށެވެ.

"ރަޢީސުލްޖުމްހޫރިއްޔާ ފެއްޓެވި ޢީދު ލައިޓްގެ މި މަޝްރޫޢަކީ އަސްލު ވަރަށް ޕޮޕިއުލާ، ވަރަށް ރައްޔިތުންގެ މެދުގައި މަޤުބޫލު ވެފައިއޭ މިއޮތީ މި މަޝްރޫޢު. އެހެންވީމަ އެނގިވަޑައިގަންނަވާނެ ބައެއް ފަރާތްތަކުން އޭރު އެކަމަށް ކްރިޓިޓިޒަމް ގެންނަން އުޅުނު ކަމުގައިވިޔަސް އަދިވެސް ވަރަށް ޕޮޕިއުލާ ކަމަކަށޭ މިކަން ވެފަމިއޮތީ. ރައްޔިތުންގެ ޑިމާންޑް އެބައޮތޭ އަސްލު މިކަމަށް." ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޢީދަށް ދިއްލުމަށް ބޭނުންވާ ލައިޓްތައް ގެންނަނީ ކޮންމެ އަހަރަކުވެސް އެއްފަހަރުކަމަށެވެ. އަދި އަންނަ އަހަރަށް އިތުރު ރަށްރަށް ދިއްލާލުމަށް ބަޖެޓްކުރާއިރު މިހާރު ލިބެމުންދާ ޑިމާންޑަށް ރިޢާޔަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ލިސްޓްއައުޓް ކުރަމުން ކިހާވަރަކަށްތޯ ޑިމާންޑް ކުރަމުންދަނީ. މިހާރު ދެން މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އެ ލިސްޓު ބަލާފަ ޖެހޭނީ މިއަންނަ އަހަރަށް ބަޖެޓްކުރަން. މިއަންނަ އަހަރަށް ބަޖެޓް ކުރާނަން އަޅުގަނޑުމެން." ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ޢީދާއި ދިމާކޮށް ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމުގައި ތަފާތު އެކި ކުލަބޮކިތަކުން ރާއްޖޭގެ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގެ އިތުރުން ކޮންމެ އަތޮޅެއްގެ ދެރަށް މިއަހަރުގެ ފިޠުރު ޢީދަށް ވަނީ ދިއްލާފައެވެ.

އެގޮތުން މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި ގިޑިގެތައް ސިޓީތަކާއި ރަށްރަށުގެ ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ މިއަންނަ ޖޫން މަހުގެ 6ވާ ހުކުރު ދުވަހެވެ. އަޟްޙާ ޢީދަށް މާލެއާއި އަތޮޅުތަކުން ކަނޑައަޅާފައިވާ ރަށްރަށް ދިއްލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ވަމުންނެވެ. މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމުގައެވެ.