ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ.
މިނާސަރީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ތަރައްޤީކުރާ ނާސަރީއެކެވެ. މިކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލްއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ޑިޒައިންކުރުމުގެ މަރުހަލާ މިހާރު ނިންމާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެވުޒާރާއިން ވިދާޅުވީ މިނާސަރީގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ. މި ނާސަރީން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވެއެވެ. މިއާއެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.