ތިލަފުށީ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސަރވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އެމްޕީއެލްއިން ހުޅުވާލައިފިއެވެ.
ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް އަލުން އިޢުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޚީބެއް ނުލިބުމުންކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވިދާޅުވީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ނިމިދިޔަ ސަރުކާރުން ގުޅި ފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ. މާލޭ ކޮމާޝަލް ހާބަރުގެ އޮޕަރޭޝަނަށް އޮތް އެންމެ ބޮޑު އުނދަގުލަކީ އެތަން ތޮއްޖެހި، ހިދުމަތްތައް ދޭނެ ޖާގަ ނެތުމެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެމްޓީސީސީއާ ހަވާލުކޮށްގެން އެމްޕީއެލްއިން މިހާރުވެސް އަންނަނީ ތިލަފުށީގައި 30 މީޓަރުގެ ކީވޯލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލްއިން ކުރިން ވިދާޅުވެފައިވަނީ މިހާރު އަންނަ ކާގޯ ބޯޓެއް ހުސްކޮށްލުމަށް 5 ދުވަހާއި 9 ދުވަހުގެ މުއްދަތެއް ނަގާކަމަށެވެ. ނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވުމުން އެ މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްއިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެކި މަރުހަލާ ތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ. އެމްޕީއެލްގެ އަމާޒަކީ ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރުމެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
2013 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމީ، މާލެ ވިޔަފާރި ބަނދަރު، ސިނާޢީ މައި ރަށްކަމަށްވާ، ތިލަފުއްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ނިމުނު ސަރުކާރުގައި އެ ޕްރޮޖެކްޓް ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އަދި އެ މަސައްކަތައް އެކަމަށް ބޭނުންވާ ބިން، ގުޅިފަޅުން ހިއްކުމުގެ މަސައްކަތްތައްވެސް އެދަޢުރު ނިމެން ގާތްވެފައިވަނިކޮށް ފެށިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ.