އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އިންޓަރ މައާމީއަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ބައްޕަ މަރުވިފަހުން ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައިފިއެވެ.
މެސީގެ ފަރާތުން މިލަނޑު ފެނިގެން ގޮސްފައިވަނީ އެމްއެލްއެސްގައި އިންޓަރ އިން ފިލަޑެލްފިއާ ޔޫނިއަން އާއި ރަށުން ބޭރުގައި ކުޅެ 2 ލަނޑު 2 ލަނޑުން އެއްވަރުވި މެޗުގައެވެ. މިމެޗުގައި މެސީ ޖަހައިދިނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެފައިވަނިކޮށް މެޗުގެ 26 ވަނަ މިނެޓްގައި އިންޓަރއަށް ލީޑު ނަގައިދިން ލަނޑެެވެ. މިލަނޑު ޖެހުމަށްފަހު މެސީ އޭނާގެ ޓީމުގެ އެހެން ކުޅުންތެރިންނާއި އުފާފާޅުކުރިތަން ފެނިގެންދިޔައެވެ.
މެސީގެ ބައްޕަ ހޯގޭ މެސީ މަރުވެފައިވަނީ މިއޮގަސްޓް މަހުގެ 8 ވަނަ ދުވަހު އުމުރުން 68 އަހަރުގައެވެ. މިއީ މެސީގެ ބައްޕަ މަރުވި ފަހުން އޭނާ ކުޅުނު ތިންވަނަ މެޗެވެ. މެސީ ކުރިން ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އަދި އެންމެ ފަހުން ނާޝްވީލް އާއި ދެކޮޅަށް ކުޅެ 4 ލަނޑު އެއް ލަނޑުން ބަލިވި މެޗުގައި ލިބުނު ޕެނަލްޓީވެސް މެސީއަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
އިންޓަރ މައާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ފިލަޑެލްފިއާއިންނެވެ. މިލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ އިންޑިއާނާ ވަސިލޭވްއެވެ. މިލަނޑާއެކު ޖެހިޖެހިގެން 4 ވަނަ މެޗުން އިންޓަރ ބަލިވެދާނެކަމުގެ އިހްސާސެއް ދަނޑު ތެރެއިން ކުރެވިގެންދިޔައެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި އިންޓަރއިން ކާމިޔާބު ކުރި ލަނޑާއެކު އެޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އެމެރިކާގެ ޒުވާން ކުޅުންތެރިޔާ ޑެނިއަލް ޕިންޓަރ ޖަހައިދިން ލަނޑު ޖެހުމުގައިވެސް މެސީ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
މިމެޗުގައި ފިލަޑެލްފިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައި ނީލް ޕިއަރ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި ފިލަޑެލްފިއާއިން އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެލަނޑު ވަނީ ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ދައްކާފައެވެ. މިމެޗު އެއްވަރު ވުމުން އިންޓަރ މިވަނީ މެޗަކުން މޮޅުނުވެ 4 މެޗު ހަމަކޮށްފައެވެ. އަދި މިއާއެކު އިންޓަރ އުޅެނީ އީސްޓަން ކޮންފަރެންސްގެ އެއްވަނައިގާ އުޅޭ ނާޝްވީލް އަށްވުރެ 7 ޕޮއިންޓް ފަހަތުގައެވެ.
މިމެޗުގައި މެސީ ޖެހި ލަނޑަކީ މިފަހަރު ލީގުގައި ކާމިޔާބު ކުރި 13 ވަނަ ލަނޑެވެ. މިލަނޑާއެކު އޭނާމިވަނީ ލަނޑު ލިސްޓުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ލަނޑު ލިސްޓުގެ އެއްވަނައިގާ އުޅެނީ ކްރޮއޭޝިއާގެ ޕީޓަރ މޫސާއެވެ. އެއީ 16 ލަނޑާއެކުއެވެ.