ޚަބަރު

މަސްތުވާތަކެތި ވިޔަފާރި ކުރަމުން އައި 2 މީހަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ޢަލީ ޢަބްދުﷲއާއި އަމާނަތު ޖަލީލް

  • 40515 ރުފިޔާއާއި 136 ޑޮލަރު ފެނިފައިވާކަމަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ހމ. ފްލެޓް ނަންބަރު 04-ޖީ-10 /މާލެ ޢަލީ ޢަބްދުﷲ (48އަހަރު) އާއި އުނިމާގެ / ދ.ކުޑަހުވަދޫ އަމާނަތު ޖަލީލް (28އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.

އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެތެރޭގައި، 23 ޓެބްލެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ޕެކެޓާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ބެލެވޭ 40515 ރުފިޔާއާއި 136 ޑޮލަރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީޤު ކުރަމުންނެވެ.