ޚަބަރު

އިންސާފު ޤާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނަން: ރައީސުލްޖުމްހޫރިއްޔާ


  • މިއީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅުއްވާނެކަމަށް ވިދާޅުވި

  • ޒުވާނަކު ވެއްޓުނު ހާދިސާގެ ޙަޤީޤަތް ހޯދައި، އިންސާފު ހޯދައިދިނުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވި

  • އެމަނިކުފާނުގެ މައްޗަށް ނުފޯޒު ނުފޯރުވޭނެކަމަށާއި ޖަވާބުދާރީވާނީ ރައްޔިތުންނަށްކަމަށް ވިދާޅުވި

އިންސާފު ޤާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމަށާއި ބޭނުންވަނީ އިންސާފާއި އަދާލަތު ޤައުމުގައި ޤާއިމުކުރެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިއިންޓަރވިއުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާއި އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއަށާއި އެކަމާ ގުޅިގެން ކުރެވޭ ތަޙުޤީޤަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ބޭނުންވަނީ އިންސާފު ޤާއިމުކުރުމަށް ކަމަށެވެ. އަދި މިސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅައި ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމުގައިވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނާއި އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް އެމަނިކުފާނަށް މުހިންމު ނުވާނެ ކަމަށެވެ. އަދި ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވި ގޮތަށް އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޯޒު ނުފޯރުވޭނެކަމަށާއި ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ބެހޭ ކަންކަން ތަޙުޤީޤުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން އެ ކޮމިޝަނަށް ދެއްވާފައިވާނެކަމަށް ވިދާޅުވިއެވެ.

"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ޙަޤީޤަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ޤައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.