ޚަބަރު

ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވާ ޓީމުތައް ތަޢާރަފުކޮށްފި


  • މިމުބާރާތުގައި މިފަހަރު 9 ޓީމަކުން ބައިވެރިވޭ

  • ރާއްޖޭގެ ކަނޑުގެ މާހައުލަށް ފަތުރުވެރިން ޝައުޤުވެރިކުރުމަކީ މުބާރާތުގެ މަޤުޞަދެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވާ ޓީމުތައް ތަޢާރަފުކޮށްފިއެވެ.

ބުރުނުބޮމަ މުބާރާތަކީ ބައިނަލްއަޤްވާމީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ޝައުޤުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތައް ދައްކާލުމަށް ބޭއްވި ޚާއްސަ ހަރަކާތުގައި ޓީމުތަކުގެ ދިދަތައް ދައްކާ، ޓީމުތައް ތަޢާރަފްކޮށްފައިވެއެވެ. މި މުބާރާތުގައި މިފަހަރު 9 ޓީމަކުން ބައިވެރިވެއެވެ. އެ ޓީމުތަކަކީ ސައިރެން އޮފް ދި ސީ، ސައިލެންޓް ހަންޓަރ، ޓީމް ދުބާއީ، އިފުރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ޝުރުނޯ، މަލަހިނި، ކެޕްޓަން ބޯޓު ކްލަބުގެ އިތުރުން ޑޭޝް މޯލްޑިވްސްއެވެ. ޓީމުތަކުގެ ތެރޭގައި ޢާންމު ފަރުދުންގެ ގުރޫޕުތަކާއި ރިސޯޓްތައް ހިމެނެއެވެ.

މިހަރަކާތުގެ ތެރެއިން ބޮޑުމަސް ބޭނުމުގެ ދިވެހި ސަގާފީ ކުޅިވަރާއި ސަގާފީ ބޮޑުބެރާއި ނެށުންތައްވެސް ދައްކާލާފައިވެއެވެ. އަދި މި ހަރަކާތް ބަލާލަން ދިޔަ މީހުންނަށް މި މުބާރާތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރިއެވެ.

މިމުބާރާތުގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި މަޝްހޫރު އިންޓަނެޓް ޕާސަނަލިޓީ، ފްލައި ނަވާރޯވަނީ ހަމަޖައްސާފައެވެ.

ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތަކީ ސްޕޯޓްސް ފިޝިންއަށް ފަހި މަންޒިލެއްގެ ގޮތުގައި ރާއްޖެ ފަތުރުވެރިކަން އިޝްތިހާރުކުރުމެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ފްލައި ނަވާރޯގެ ތަޖުރިބާއާއި މަޤުބޫލުކަން މެދުވެރިކޮށް ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އޮފިޝަލް ޓްރެވެލް ޑެސްޓިނޭޝަން ޕާރޓްނަރަކަށް އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބްކަމުގައިވާ ލިވަޕޫލް އެފްސީއާއި އިންޑިއާގެ ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސް ވަނީ ހަމަޖައްސަވާފައެވެ. އަދި ސޯޝަލް މީޑިއާގެ އިންފްލުއެންސަރސް މެދުވެރިކޮށް ރާއްޖެއަކީ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިމުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށެވެ.