ޚަބަރު

"ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ސިނާއަތްތަކަށްވެސް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް"


  • ބިލްޑް އެކްސްޕޯ ފަށްޓަވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެ

ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ސިނާޢަތްތައް ކުރިއެރުމަށް ހުރި ހުރަސް ނައްތާލައި، އެ ސިނާއަތްތަކަށް ކުރިއެރުން ގެނެސްދިނުމަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ މަޒީރު މުހައްމަދު ސަޢިދު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ މަޒީރު މުހައްމަދު ސަޢިދު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްއިން އިންތިޒާމްކޮށްގެން ބާއްވާ ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިލްޑް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ރަސްމީކޮށް ފަށްޓަވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މަޒީރު ސަޢީދު ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން ފޮރިން އިންވެސްޓްމަންޓާބެހޭ ސިޔާސަތެއް އެކުލަވާލަންޖެހޭކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ބޭރު މީހުންނަށް ރާއްޖޭގައި ކުރެވޭނެ ވިޔަފާރިތަކާއި ދިވެހިންނަށް ހަމައެކަނި ކުރެވޭނެ ވިޔަފާރިތައް ކަނޑައަޅަންޖެެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބޭރު މީހުންނާއި ދިވެހިންނަށް ކުރެވޭނެ ވިޔަފާރިތައް ކަނޑައެޅުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހިމެނޭގޮތަށް ސަރުކާރުން ވަނީ މަޝްވަރާކޮށްފައިކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާފަދަ ޕޮލިސީސްތަކެއް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ. އިޤްތިސާދީ ހަރަކާތެއްގެ ގޮތުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަށް ގެންދިއުމަށް" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ ބިލްޑް އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. އޭގެތެރޭގައި އިންޑިއާ، ލަންކާ ތައިލޭންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ.

4 ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށް، ދެން އަދި ރޭގަނޑު 8:00އިން 10:00 އަށް ކުރިއަށްދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.