ޚަބަރު

އާރުސީސީން ކުޑަހުވަދޫގައި 160 އެޕާޓްމަންޓް ތަރައްޤީކުރަނީ


  • މާވޭރު ޓަވަރ އޭ ޕްރޮޖެޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި

  • މާވޭރު ޓަވަރ އޭ ޕްރޮޖެޓްގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓު

  • ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 1.5 މިލިޔަން ރުފިޔާ

ދ. ކުޑަހުވަދޫގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނިން 160 އެޕާޓްމަންޓް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

160 އެޕާޓްމަންޓް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 2 ޓަވަރެއްގައެވެ. މާވޭރުގެ ނަމުގައި އަޅައި މި ޓަވަރުތަކުގެ ތެރެއިން "ޓަވަރ އޭ" އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ މި އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމެވެ.

އާރުސީސީން ބުނީ މާވޭރު ޓަވަރ އޭ މަޝްރޫޢުގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓު ކަމަށެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 1.5 މިލިޔަން ރުފިޔާއެވެ.

މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓާރިއާއި 3 ފާޚާނާ ހުރެއެވެ. އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފައެވެ. އެގޮތުން އާރުސީސީއަށް ގުޅުމުން ނުވަތަ ވެބްސައިޓުން އެޕާޓްމަންޓް ގަތުމާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކުޑަހުވަދޫއަކީ އެއަރފޯޓެއް އޮންނަ ގެސްޓުހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. ކުޑަހުވަދޫއަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.