ދަނޑުވެރިކަމުގެ ތަމްރީންތައް އުތުރުގެ 26 ރަށެއްގައި ކުރިއަށްދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހދ، ހއގެ އިތުރުން ށ އަތޮޅުގެ ރަށްރަށުގައި ތަމްރީންތައް ކުރިއަށްދާއިރު، މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް, އިފާޑާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމް، މެޕްގެ ދަށުން ކުރިއަށްގެންދާ ތަމްރީންތަކެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މެޕްގެ ތަމްރީންތައް ކުރިއަށްގެންދާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން "އައިލެންޑް ފާމަރސް ފޯރަމް"ގެ ނަމުގައި ރަށްރަށުގައި ދަނޑުވެރިންގެ ގުރޫޕުތަކެއް އެކުލަވާލާފައިވާ ކަމަށާއި، މިގުރޫޕުތަކުގެ މެދުގައި ދަނޑުވެރިންގެ ބޯޑެއްވެސް އޮންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މެޕް ޕްރޮގުރާމްގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގައި ތަމްރީންތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މެޕްގެ ދަށުން ދަނޑުވެރިކަމުގެ އެކިއެކި މަރުހަލާތަކާއި ގުޅުންހުރި މަޢުލޫމާތު ދީ، ދަނޑުވެރިކަމާ ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައް ހިންގައެވެ. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައްވެސް ކުރިއަށްގެންދެއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގައި 2 ޖިންސުގެ ހަމަހަމަކަން އިތުރުކުރުމާއި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމާއި ރަނގަޅު ކާނާއާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައްވެސް ދަނޑުވެރިންނަށް އަމާޒުކޮށްގެން މެޕްގެ ދަށުން ހިންގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މެޕްގެ ދަށުން ހިންގާ މިޕްރޮގްރާމްތަކުގެ އަމާޒަކީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދަށް މަންފާ ލިބޭ ސިނާޢަތެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް ދިވެހި ދަނޑުފަނގުތަކުން ސީދާ ނަފާ ލިބޭނެހެން، ކާނާގެ ޔަޤީންކަން އިތުރުކުރުމަކީވެސް މެޕްގެ މަޤުޞަދެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މެޕް ޕްރޮގުރާމް ފެށީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.