ޚަބަރު

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް


  • އެ ޝަރަފު އެމަނިކުފާނަށް އެރުވީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.

މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ. އެ ޝަރަފު އެމަނިކުފާނަށް އެރުވީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުގެ ޢިލްމުގެ ދަތުރު އެންމެ ފުރަތަމަ ފެއްޓެވީ، ފ.މަގޫދޫއިންނެވެ. ކިޔެވުމުގައި ހޯއްދެވި ފުރަތަމަ ކާމިޔާބީގެ ތެރެއިން އިތުރަށް ކިޔަވަން މާލެ ފޮނުވުނު ކުދިންގެ ތެރޭގައި ހިމެނިވަޑައިގެން، މާލޭ ދާރުލް އިޤާމާގައި ހުންނަވާ މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާސިލުކުރެއްވިއެވެ. އަދި އެއަށްފަހު ސަރުކާރުގެ ވުޒާރަތުއް ތިޖާރާ ވައްތަންމީނުގައި ޚިދުމަތް ކުރެއްވިއެވެ. ތަޢުލީމު ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ބޭފުޅެއްކަމުން މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައިވެސްވަނީ ޚިދުމަތް ކުރައްވާފައެވެ.

އިތުރު ތަޢުލީމު ޙާސިލުކުރެއްވުމަށް އޮތް ޝައުގުވެރިކަމާއެކު ފައިސާ އެއްކުރައްވާ، އެންމެ ފުރަތަމަ މަތީ ތަޢުލީމު ޙާސިލުކުރެއްވުމަށް ވަޑައިގަތީ އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޔާ ދާރުއްސަލާމްއަށެވެ. އެއަށްފަހު ޑިގްރީ ޙާސިލުކުރެއްވުމަށް މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށްވަނީ ވަޑައިގަންނަވާފައެވެ.

ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ. އެޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވީ، ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގައެވެ. އަދި ހަމަ އެއަހަރު ޓީޗިން މެތަޑޮލޮޖީއިން އެޔުނިވަރސިޓީންވަނީ އިތުރު ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ.

ޝެއިޚްގެ އެހީތެރިކަމާއެކު ދިވެހި 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ފުރުސަތުވަނީ ފަހިކޮށްދެއްވާފައެވެ. މީގެތެރޭގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ދީނީ ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

މަދީނާ ޔުނިވަރސިޓީ ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދޭން މަދްރަސާ ޠައިބާ ގެ ނަމުގައި މަދަރުސާއެއް މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާއެކު އުފެއްދެވިއެވެ. މީގެއިތުރުން މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރު ހުރި ބިމުގައި އޭރު ބިނާކުރެއްވި މި ސްކޫލް ވެގެންދިޔައީ މިއަދުގެ ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންގެ އެންމެ ފުރަތަމަ ޢިލްމީ ހިޔާވަހިކަންކަމުގައި ފާހަގަކުރެވެއެވެ.

ގާޒީއެއްގެ ގޮތުގައި ޝަރަފުވެރި އެތައް ޚިދުމަތެއް ކުރެއްވުމަށްފަހު، އޭރު ހިނގަމުންދިޔަ މައްސަލައެއްގައި ދައުލަތާއި އެއްކޮޅަށް ޙުކުމް ކުރެއްވުމަށް ކެރިވަޑައިނުގެން އެކަމުގައި އޭރުގެ ޖަސްޓިސް މިނިސްޓަރއާއި މަޝްވަރާކުރެއްވުމަށްފަހު މާތްﷲއަށް ބިރުވެތިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، އެމަޤާމުން ވަކިވެވަޑައިގަތެވެ.

މިހާތަނަށް 40 ފޮތް ވަނީ ޝާއިޢުކުރައްވާފައިވާއިރު، މިހާރުވެސް ގެންދަވަނީ މަދީނާގެ ފަޙުދު ރަސްގެފާނު މުޞްޙަފް ޗާޕުޚާނާއިން ޝާއިޢުކޮށްފައިވާ ޤުރުއާން ތަފްސީރު ފޮތެއްކަމުގައިވާ "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާވަނީ ލިޔުއްވާފައެވެ. އަދި އޭގެ 22 ފޮތެއްގެ މުރާޖަޢާވެސް ނިންމަވައި ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ދެއްވަފައެވެ.

ޢިލްމު ފެތުރުއްވެވުމުގައި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުވަނީ ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ.