ޚަބަރު

ފުރަތަމަ ޖީޕީ ކުލިނިކުގެ މަސައްކަތް ދޮޅުމަހުން ނިމޭނެ: ވަޒީރު ނާޘިިމް


  • އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން

  • ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް ނިންމާފައިވޭ

މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކްގެ މަސައްކަތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ތަރައްޤީ ކުރާ ކްލިނިކްތަކެކެވެ.

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށްދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެސްއެސްޓީވީގެ ޕްރގްރާމެއްގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށްދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ލުއިއެއް ލިބިގެންދާނީ މާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކުގެ މާލޭގައި ހެދޭނެ. އެއީ ކޮރެލް ބޮލެވާޑް ފާންނު ގައި ހުރި އިމާރާތް. އިމާރާތުގެ މަސައްކަތް ނިމެނީ. އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި ހަމަ ދެވަނަ ތަނެއްގެ މަސައްކަތް ވެސް ފެށޭނެ. ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގެ 4 ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދާނެކަމަށާއި މައި ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަފާސް ހިސާބްތައް ދައްކާގޮތުން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުންދެއެވެ. އޭގެތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ޚިދުމަތް ދެވިދާނެކަން ވަޒީރު ޢަބްދުﷲ ނާޘިމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސް ނުވަތަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އަހަރަކު 150،000 އަށްވުރެ މައްޗެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝާންގެ ހިދުމަތް ހޯދުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 240،000 ގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 238،000 އަށްވުރެ މަތީގައެވެ.