ކުޅިވަރު

64 ގައުމުގެ ވޯލްޑް ކަޕަށް، ކޮންކާކަފްއިން ދެކޮޅު ހަދައިފި


2030 ވަނަ އަހަރު ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި 64 ޓީމު ބައިވެރިކުރަން ކޮންކާކަޕް ސަރަހައްދުން ދެކޮޅު ހަދައިފިއެވެ. މިއީ ދެކުނު އެމެރިކާގެ ހުށަހެޅުމަށް ދެކޮޅު ހެދި ދުނިޔޭގެ ތިންވަނަ ސަރަހައްދެވެ. މީގެ ކުރިން ޔޫރަޕުންނާއި އޭޝިއާއިން ވަނީ މިކަމާ ދެކޮޅު ހަދައިފައެވެ.

ސްޕޭނާއި މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވާ ވޯލްޑްކަޕުގައި 64 ޓީމު ބައިވެރިކުރަން ދެކުނު އެމެރިކާއިން ހުށަހެޅީ އެއީ ވޯލްޑްކަޕް ބާއްވާތާ 100 އަހަރު ފުރޭ މުނާސަބަތަށްވުމުންނެވެ. އަދި މުބާރާތް ހުޅުވުމުގެ މެޗުތައް ކުޅޭނީ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.

ކޮންކާކަޕްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ ވިދާޅުވީ 64 ގައުމުގެ މެދުގައި ވޯލްޑްކަޕް ކުޅުމުގެ ސަބަބުން ފުޓްބޯޅައިގެ އަހަރީ ތަރުތީބަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. އަދި މިފަދަ ގޮތަކަށް މުބާރާތް ބޭއްވިޔަސް އޭގެ ސަބަބުން ވާނެ ފައިދާއެއް ނުފެންނަ ކަމަށެވެ.

"އަހަރެންނަ ނުފެނޭ 64 ގައުމު ބައިވެރިކޮށްގެން ކުޅޭ ވޯލްޑްކަޕުގެ ސަބަބުން ރަނގަޅު ބަދަލެއް އަންނާނެ ތަނެއް. އަހަރެންނަށް ހީވަނީ މީގެ ސަބަބުން ފުޓްބޯޅައިގެ އިކޯ ސިސްޓަމަށް ނޭދެވޭ އަސަރު ކުރާނެހެން. ގައުމީ ޓީމުން ފެށިގެންގޮސް، ކުލަބުތަކުގެ މުބާރާތްތަކާއި ކުޅުންތެރިންނަށް ވެސް ވާނެ ފައިދާއެއް އޮތް ކަމަށް ނުފެނޭ،" މޮންޓަގްލިއާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 48 ގައުމު ބައިވެރިކޮށްގެން މުޅިން އަލަށް ވޯލްޑްކަޕް ކުޅެން ނުފަށަނީސް 64 ގައުމު ބައިވެރިކުރާ ވާހަކަ ދެއްކުމަކީ ވެސް މޮޔަކަމެއް ކަމަށެވެ.

"އަދި މި އުޅެނީ 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތް ނުފެށިގެން. އެހެންވީމާ އަހަރެން ދެކެނީ 64 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތުގެ ހިޔާލު މަޝްވަރާގެ މޭޒަށް ވެސް ގެންނަން ނުޖެހޭނެހެން،" މޮންޓަގްލިއާނީ ވިދާޅުވި އެވެ.

ކޮންކާކަޕް ސަރަހައްދުގައި ހިމެނެނީ އުތުރު އެމެރިކާ އާއި މެދުތެރޭގެ އެމެރިކާގެ ގައުމުތަކާއި ކެރީބިއަން ގައުމުތަކެވެ.

2030 ވަނަ އަހަރުގެ ވޯލްޑްކަޕް 64 ގައުމު ބައިވެރިކޮށްގެން ކުޅުމާމެދު ވޯޓަށް އަހާނީ އަންނަ މަހު ޕްރެގުއޭގައި ބާއްވާ ފީފާ ކޮންގްރެސްގަ އެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ދެކުނު އެމެރިކާގެ ހުށަހެޅުން ފާސްވާނެ ކަމަށް ނުބެލެވެ އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އެލެގެޒެންޑާ ސެފެރިން ވިދާޅުވީ މިއީ ގޯސް ބަދަލެއް ކަމަށެވެ. އޭނާގެ މި ހިޔާލަށް އޭޝިއަން ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ވަނީ ތާއީދު ކުރައްވާފަ އެވެ.

މި ހިޔާލާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި ހުށަހެޅުމާމެދި ފީފާއިން ވަކި ގޮތެއް ނިންމާމީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކޮންގްރެސްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަމަވެސް މިކަމާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަ އެވެ. ތިމާވެއްޓާއި ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ވެސް ވަނީ މިއީ ވަރަށް ބޮޑު ގޮންޖެހުމެއް އަދި ރައްކާތެރި ކަމެއްނޫން ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. ސަބަބަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުން ތަފާތު ވުމާއި ކުރު މުއްދަތެއްގައި އެކި ހިސާބުތަކަށް ދަތުރުކޮށް ވަރުގަދަ މެޗުތަކަށް ކުޅުމަކީ ސިއްހީ ގޮތުން ހަށިގަނޑަށް އެކަށޭނެ ކަމެއްނޫން ކަމަށް ބުނެ އެވެ. 64 ގައުމު ބައިވެރިކޮށްގެން ވޯލްޑްކަޕް ކުޅޭނަމަ ވޯލްޑްކަޕުގައި 128 މެޗު ކުޅެންޖެހޭނެ އެވެ.