ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ މިހާރު ހިންގަމުންދާ އިމާރާތަކީ ޚިދުމަތް ދިނުމަށް އެކަށީގެންވާ އިމާރާތެއް ނޫންކަމަށާއި އެއަށްވުރެ ރަނގަޅު ތަނެއް އެއެޖެންސީއަށް ހޯއްދަވާދެއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އެންޑީއޭގެ ގިނަ މަސައްކަތްތަކެއް ގްރީންގެ އިމާރާތުގައި ކުރަމުން އަންނައިރު އެއިމާރާތަކީ އެމަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫންކަމަށެވެ. އެގޮތުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރު އިމާރާތެއް އެންޑީއޭއަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ހުރި ކަމަށެވެ.
"މިތަން ހަދަންޖެހޭނެ ކަމަށް ޤަބޫލުކުރަނީ. ބަޔަކާ ގުޅިގެން ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަ ނުވެ މިތަން ހެދޭތޯ މަސައްކަތްކުރާނަން." ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ އެންޑީއޭ މިހާރު ހިންގަމުންދާ އިމާރާތަކީ ގިނަ ދުވަސްވެ، ބައުވެފައިވާ އިމާރާތެއް ކަމަށެވެ. އަދި މިއިމާރާތަކީ މަސްތުވާތަކެއްޗާ ގުޅޭ އެކި ޚިދުމަތްތަކާއި ފަރުވާދެމުން އަންނަ އިމާރާތަށްވާއިރު ތަނަވަސްކަމާއެކު މިޚިދުމަތްދެވޭނެ ޖާގަ އެއިމާރާތުގައި ނެތްކަން ލުބްނާ ފާހަގަކުރެއްވިއެވެ.
"މިތަނުން 3000 މީހުންނަށް އެބަ ޚިދުމަތްދޭ. އައުޓް ޕޭޝަންޓް ކްލިނިކްވެސް މިއިމާރާތުގައި އެބަ ހިންގާ. ބޭސް ޑިސްޕެންސްކުރާ ޔުނިޓެއްވެސް އެބަހުރި. ޑްރަގް ކޯޓާއި އެންޑީއޭގެ ބޭނުމަށް އެސެސްމަންޓްތައް ހަދަނީ މިތަނުގައި." ލުބްނާ ވިދާޅުވިއެވެ.
ގްރީންގޭގައި އެންޑީއޭ ހިންގަން ފެށީ 2007 ވަނަ އަހަރުއެވެ. އޭގެފަހުން މާބޮޑު މަރާމާތެއް ކޮށްފައިނުވާކަން އެންޑީއޭއިން ފާހަގަކުރައްވައެވެ. މިއިމާރާތް ހުންނަ ބިމުގައި ގާތްގަނޑަކަށް 16 ހާސް އަކަފޫޓު ހުރެއެވެ.