ޚަބަރު

އެއްގަމާއި ކަނޑުގެ ބާރަށް މިއަހަރު ގިނަ ކުރިއެރުންތަކެއް އަންނާނެ: ދިފާޢީ ވަޒީރު


  • އަސާސީ ތަމްރީން ކޯހުގައި 115 ދަރިވަރުން ދަސްވެނިވި

  • ޤައުމީ ދިފާޢީ ބަރަށް ގެންނަވާ ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ކަނޑާއި އެއްގަމުގެ ބާރަށް މި އަހަރު ގިނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެމްއެންޑީއެފްގެ 71 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެންޑީއެފްގެ 71 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުން، ޤައުމީ ޚިދުމަތުގައި މުރާލިކަމާއެކު ރެޔާއި ދުވާލު މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޤާނޫނުއާސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށްހިތުމަށާއި ސިފައިންގެ އުޞޫލުތައް ހިތްތަކުގައި ބޭއްވުމަށާއި ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެވާކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ފަދައިން އެމްއެންޑީއެފްގެ ކަނޑާއި އެއްގަމުގެ ބާރަށް މި އަހަރު ގިނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ވަނީ ފުރަތަމަ ފަހަރަށް އެއަރ ކޯއެއް (އެމްއެންޑީއެފްގެ ވައިގެ ބާރެއް) އުފައްދަވާފައި. އަދިވެސް ޤައުމީ ދިފާޢީ ބާރުގެ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ޤައުމީ ދިފާޢީ ބާރަށް އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ސަރުކާރުން ދަނީ ހޯދައިދެއްވަމުންނެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ޢުމްރާނީ ވަސީލަތްތައްވެސް ދަނީ ތަރައްޤީކުރައްވަމުންނެވެ.

ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގައި 115 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

މިފަހަރުގެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ރެކްރޫޓް ފަޞުޙާ އަޙްމަދު (ސ.ނ 8823)އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދެވޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ޙާސިލުކުރީ ރެކްރޫޓް އަނާން މޫސާ (ސ.ނ 8940)އެވެ.