އިޚްތިޞާސުން ބޭރުން ފަޅުރަށް ހޯދަން ހުށައަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން 8 ކައުންސިލެއްގެ ޕްރޯޕަސަލް މިހާރު ރިވިއުކުރަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާސުން ބޭރުން ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް މިހާރު ވަނީ އިޚްތިޞާސުން ބޭރުން ފަޅުރަށް ދޫކުރަން ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މިހާތަނަށް، 3 ކައުންސިލަކަށް ފަޅުރަށް ދޫކޮށްފައިވާ ކަމަށެވެ. އެއީ ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލިއާއި ދ. ފެންފުށި، ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ރަށްރަށުގެ އިތުރުންވެސް ލިބިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން 8 ކައުންސިލަކުން ހުށައަޅާފައިވާ ޕްރޮޕޯސަލްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު ފަޅުރަށްތައް ހަވާލުކުރަމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޭއްވެވި އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ސިޓީތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ކަރުދާހެއް ހުށައެޅިއެވެ. އެ ކަރުދަހާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ޤަވާއިދު އިސްލާހުކޮށް، ކައުންސިލްތަކަށް އިޚްތިޞާސުން ބޭރުން ފަޅުރަށް ދޫކުރަން ވަނީ ފަށާފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ އެކަށޭނަ ގޮތްތައް ނެތްކަން ސިޓީތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އިޖުތިމާޢީ ކަންކަމަށާއި އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމަށް ނިންމީ މިސަބަބާހުރެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.