ޚަބަރު

ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ވަދު ކަނދުފައްޗެއް ށ. އަތޮޅުގައި އަޅައިފި


  • ވަދު ކަނދުފަތި އަޅާފައިވަނީ ނަަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައި

  • ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅާ

ރާއްޖޭގެ އިތުރު ސަރަހައްދެއްގައި ވަދު ކަނދުފަތި އަޅައިފިއެވެ. ކަނދުފަތި އަޅައިފައިވަނީ ށ އަތޮޅު ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައެވެ.

ވަދު ކަނދުފައްޗަކީ ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ކަނދުފައްޗެކެވެ. ށ.އަތޮޅުގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ށ. ފޭދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. ސްޕޯރޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑު ބޮޑު ކަނދުފަތިތަކެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެފަހުން ވަދު ކަނދުފަތި އަޅައިފައިވަނީ ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލުބޭރުގައެވެ. ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކަނދުފައްޗަކަށްވެސް ޚާއްސަ ނަންބަރެއް ދީފައިވެއެވެ.

ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތީގެ ގާތަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.