ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ޒަމާންތަކެއް ވަންދެން ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފިޔޯރީގައި އޮންނަނީ 2009 ވަނަ އަހަރުގެ ތެރޭގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ބަނދަރު އޭރު ތަރައްޤީކޮށްފައިވާގޮތުން ލަފާފުރުމުގެ މައްސަލައަށް ހައްލެއްވަނީ ނުލިބިފައެވެ. އެހެންކަމުން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ޕްލޭންތަކެއްވަނީ ކޮށްފައެވެ.
ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އޭރު ޕްލޭންކޮށްފައި އޮތްގޮތަށް ބަނދަރުގެ މަސައްކަތް ފެށިނަމަ ބަނދަރުގެ މައްސަލައަށް ހައްލެއް ނާންނާނެކަމަށެވެ. ވަޒީރު ވިދާޅުވީ، ފިޔޯރީއަކީ ވިލު ފުންވުން ރަށެއްކަމުން ކުރިން ޕްލޭންގައި އޮތްގޮތަށް ބަނދަރުގެ ދެފަރާތަށް ދިގު ކުރިނަމަވެސް، ގަދަވާ ދުވަސްވަރު ފަޅުތެރެ ގަދަވެގެންދާނެކަމަށެވެ. އެހެންކަމުން ފިޔޯރީ ބަނދަރު އަލުން ތަރައްޤީކުރަން މިފެށީ ރަށުގެ ރައްޔިތުންނާއި، ކައުންސިލްގެ މަޝްވަރާގެ މަތިން ބައެއް ބަދަލުތައް ޕްލޭނަށް ގެނައުމަށްފަހުކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިން އޮތްގޮތަށް ބަނދަރުގެ ދެފަރާތަށް ދިގުކުރާނަމަ ބޭރުތޮއްޓެއް ޖެހުމަކީ ފަހުންވެސް ކުރެވޭނެކަމެއް ނޫން. އެހެންކަމުން ހުރިހާ ފަރާތަކާ މަޝްވަރާކޮށް އަޅުގަނޑުމެން ނިންމީ، ރަށުގެ އެތެރެއަށް ކޮންމެވެސް ވަރަކަށް ބަނދަރު ޖެއްސުމަށްފަހު ތަރައްޤީކުރުމަށް އަޅުގަނޑުމެން ނިންމީ" ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވީ، އެމްޓީސީސީއާ މަޝްރޫޢު ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ޕްލޭނާ އެއްގޮތަށްކޮށް ނިންމާނެކަމަށެވެ.
"ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫޢުތައް އެބަހުރި. ރާއްޖޭގައި މިހިނގާ މަޝްރޫޢުތައް ނުހިނގާ ހުންނަ ކޮންމެ ދުވަހަކީ ޚަރަދު އިތުރުވެގެންދާ ދުވަހެއް. އެހެންކަމުން އަޅުގަނޑުމެންގެ އިލްތިމާސަކީ، މަޝްރޫޢުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދިޔުމަށް އެއްބާރުލުން ދެއްވާށޭ." އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދީ ވިދާޅުވިއެވެ.
ގދ.ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.