ޚަބަރު

ރައީސްގެ ފިޔަވަޅުތަކަކީ ކުރީގެ ވެރިންނަށް ކުރަން ނުކެރުނު ކަންތައްތަކެއް، ތަޢުރީފު ޙައްގު: ސިއްޙީ ވަޒީރު


  • ރައީސް ވަނީ ދުންފަތް ކޮންޓްރޯލްކުރަން ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައި

  • ރާއްޖޭގައި ވޭޕް މަނާކުރެއްވި

  • ވަޒީރުވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ލިޔެވޭނެ ކަންކަންކަމަށް

ވޭތުވެދިޔަ މާޒީގައި ވެރިންނަށް އަޅަން ނުކެރުނު، ގޮންޖެހުން ބޮޑު އެތައް ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިއްޙީ ވުޒާރާގެ މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޤާނޫނާއި ޤަވައިދުތައް ހަރުދަނާކޮށް އާއްމުން ހޭލުންތެރިކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ކޮށްފައި ނުވާ މަސައްކަތް މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާކަމަށެވެ.

ވަޒީރު ނާޡިމް ވިދާޅުވީ އާއްމު ސިއްޙަތު ކުރިއެރުވުމަށް އެހެން ވެރިއަކު މީގެ ކުރިން ނުކުރާހާ މަސައްކަތް ރައީސް ޑރ. މުޢިއްޒު ކުރައްވަމުންދާކަމަށެވެ. އެގޮތުން ސިނގިރޭޓު ރާއްޖޭގައި މަނާކުރާ އުމުރެއް ކަނޑައެޅުމާ ގުޅޭގޮތުން، އަމިއްލަފުޅު ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހުޅުވާލެއްވި ޕޯލް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އެއްވެސް ވެރިއަކު އަމިއްލަ އެކްސްގައި، ރައްޔިތުގެ ޚިޔާލަކަށް ހުޅުވާލި ހަނދާނެއް ވޭތޯ؟. މަލްޓި ޕާޓީ ޑިމްކްރަސީގައި ރާއްޖެއަށް 20 އަހަރު މިވަނީ. ކެންސަރުފަދަ ބަލިތައް އިތުރުވުމާއި، ސިނގިރޭޓުގެ ނުރައްކަލުގެ ވާހަކައަކީ އެކަމުގައި ދެބަސްވެވޭނެ ކަމެއް ނޫން. އެކަމަށް ރައްޔިތުންގެ ޚިޔާލަށް އެ ހުޅުވާލީ ސިދާ ރައީސުލްޖުމްހޫރިއްޔާ." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއިން ކޮންމެ ކަމަކުން ފެންނަނީ އާންމު ސިއްޙަތު ކުރިއެރުވުމުގައި މި ސަރުކާރުން ދެމުންދާ އިސްކަންކަމަށެވެ. މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއްވެސް އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ނަންގަވަމުންގެންދަވާ މި ފިޔަވަޅުތަކަކީ ދަތި އުނދަގޫ ނިންމުންތަކެއް ނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ މަސައްކަތްތަކެއްކަމަށްވެސް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

"ޖީލަކަށް އަންނާނެ ހެޔޮ ބަދަލު ތާރީޚުގައި ލިޔެވިގެންދާނެ. ސިއްޙީ ދާއިރާގެ ޒިންމާ ނަގާ މީހެއް ޙައިސިއްޔަތުން ބުނާނީ ރައީސް ކުރައްވަނީ ތަޢުރީފު ޙައްގު މަސައްކަތެއް. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ވެރިންނަށްވެސް، އަދި ރާއްޖޭގެ ކުރީގެ ވެރިންނަށްވެސް ކުރަން ނުކެރުނު މަސައްކަތްތަކެއް ކުރަނީ." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުންފަތާ ގުޅޭގޮތުން ނަގާ ފިޔަވަޅުތައް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދަމުންދާކަމަށެވެ. މިކަންކަމަށް ބިނާކޮށް، ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގައި ވޭޕް މުޅިން މަނާކޮށްފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމަށް، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި އަދި ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.