ޚަބަރު

މާމިގިލީ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ވިލާ ފައުންޑޭޝަނާއި ޙަވާލުކޮށް ބިންގާ އަޅައިފި


  • މި މަރުކަޒު އިމާރާތްކުރަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން

  • މަސައްކަތް ޙަވާލުކޮށްފައި ވަނީ އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށް

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމެވެ.

މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ޤާއިމުކުރާ މަރުކަޒެކެވެ.

މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމްވެސް ހިމެނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން މުޅި ޖުމްލަ 83 ރަށެއްގައި ފުހުލުންގެ ޢިމާރާތްތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާއި ވަނީ ހަވާލުކުރައްވާފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މި 83 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދާނެއެވެ.