ކުޅިވަރު

ބާސެލޯނާގެ ވަރުގަދަ އެޓޭކަށް ސަމާލުވުމަށް ޑޯޓްމުންޑުގެ ކޯޗު ކޮވަޗުގެ އިންޒާރެއް


ބާސެލޯނާގެ ވަރުގަދަ އެޓޭކަށް ސަމާލުވުމަށް ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗު ނިކޯ ކޮވަޗް އޭނާގެ ޓީމަށް އިންޒާރުދީފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޑޯޓްމުންޑުން މިރޭ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކޮވަޗް ބުނެފަވަނީ މެޗަށް ނުކުތުމުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ބާސެލޯނާގެ ވަރުގަދަ އެޓޭކު ފޫއަޅުވާލެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ. ބާސެލޯނާއަކީ އެޓޭކިންގައި ދެވަނަ އެއްނެތް ޓީމެއްކަމަށް ފާހަގަކުރަމުން ބުނެފަވަނީ ޓީމުގެ ކުޅުންތެރިން ގާތު އެކަން ތަކުރާރުކޮށް ހަނދާންކޮށްދީފާވާނެ ކަމަށެވެ.

ރަފީނިއާ އާއި، ލަމީން ޔަމާލް އަދި ރޮބަޓް ލެވަންޑޯސްކީ ފަދަ ވަރުގަދަ ކުޅުންތެރިންތަކަކާއެކު، ބާސެލޯނާއިން ދަނީ ސްޕެނިޝް ލީގުގައި ރަސްކަން ކުރަމުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ މިއަހަރު މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފަ ނެތްއިރު، ސްޕެނިޝް ލީގުގެ އެއްވަނަ އެޓީމުން ވަނީ ބާކީ އަށް މެޗު އޮއްވައި، 67 ޕޮއިންޓް ހޯދާފައެވެ. އަދި މިމަހު ސްޕެނިޝް ކަޕުގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެ މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮވަޗް ބުނީ ޑޯޓްމުންޑުންވެސް ނިކުންނާނީ ވަރުގަދަ ކުޅުމެއްދައްކާ މެޗު ކާމިޔާބުކުރުމަށްކަމަށާ، އެމީހުންނަކީވެސް ބަލި ޓީމެއް ގޮތަށް އެއްވެސް ބަޔަކު ދެކިގެންނުވާނެކަމަށެވެ. ޑޯޓްމުންޑަކީ ވެސް ކުރިއަރަމުން އަންނަ ޓީމެއްކަމަށް ބުނަމުން އޭނާ ބުނެފަވަނީ އެމީހުންނަށް އަދިވެސް ކުރިއަށް ދެމެޗު އެބައޮތް ކަމަށެވެ. އެހެންކަމުން ސެމީގެ އުންމީދު އަދިވެސް ފަނޑުނުވާކަމަށް ކޮވަޗް ފާހަގަކުރިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޑޯޓްމަންޑު މިވަގުތު އޮތީ ޖަރުމަނު ލީގުގެ އަށްވަނައިގައެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ އެޓީމުން ވަނީ 4-1 ގެ ނަތީޖާއަކުން ފްރެއިބާގް ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އުއްމީދު އައުކޮށްފައެވެ.

ޑޯޓްމިންޑަށް މުހިންމު މެޗުތަކެއް ކުރިއަށްހުރި އެޓީމަށްވަނީ ގޮންޖެހުންތަކަކާވެސް ކުރިމަތިވެފައެވެ. އެގޮތުން ވާތު ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑޯޓްމަންޑުގެ ސެންޓަރ ބެކް ނިކޯ ޝްލޮޓާބެކް ސީޒަނާ ވަކިވެފަވާއިރު، ސަސްޕެންޝަނާ ގުޅިގެން ޕަސްކަލް ގްރޮސްވެސް ވަނީ ކުޅުމުން ގެއްލިފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކޮވަޗް ބުނެފަވަނީ މެޗަށް ނިކުންނާނީ ބާސެލޯނާގެ އެޓޭކިން ޕަވަރަށް ވިސްނައިގެންކަމަށާ، މޮޅުކުޅުމެއް ދައްކާ މެޗުން މޮޅުވުމަށް މަސައްކަތްކުރާނެކަމަށެވެ.

"އެޓީމަކީ ވަރުގަދަ ޓީމެއް. އެކަމު ކޮންމެ ބާރެއްގައިވެސް ކޮންމެވެސް ދިމާލަކުން ހުންނާނެ ބަލިފައިތަކެއް" ކޮވަޗް ބުންޏެވެ.