ޚަބަރު

ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ ފެންވަރުގެ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މި ބައްދަލުވުން ބާއްވާފައިވަނީ ސްރީލަންކާގައި

  • ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް ހިއްސާކޮށްފައިވޭ

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ދެކުނު އޭޝިއާގެ ސަރަޙައްދީ "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެވެ. މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އެ ބައްދަލުވުމުގައި ނިޒާމް ވަނީ ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވިދާޅުވީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މީގެ އިތުރުން، ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ބައްދަލުވުމުގައި އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގެ ތަޖުރިބާތައްވެސް ހިއްސާކޮށްފައިވާކަމަށެވެ. އަދި ސަރަޙައްދީ ފެންވަރުގައި ޕްލާސްޓިކް ތަޣައްޔަރު ކުޑަކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށެވެ. އަދި ޕްލާސްޓިކް ނައްތާލުމަށް ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަން ހާމަވެގެންދާ ކަމެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.