ޚަބަރު

ޤައުމީ ޔުނިވަރސިޓީން، ނިއުޒިލޭންޑްގެ ޔުނިވަރސިޓީއަކާ ގުޅިގެން ކަރިކިޔުލަމް ތައްޔާރުކޮށް ދިރާސާކުރަނީ


  • އެމްއެންޔޫގެ ވައިސް ޗާންސެލަރވަނީ ޔުނިވަރސިޓީ އޮފް ވައިކަޓޯގެ އިސްވެރިންނާ ބައްދަލުކުރައްވާފައި

  • ލޯނު އެހީގެ ދަށުން ޕީ.އެޗް.ޑީ ހެދުމުގެ ފުރުޞަތު ފަހިކުރުމަށް މަޝްވަރާކުރެއްވި

  • ކުރެވުނު މަޝްވަރާތަކާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ

ކަރިކިޔުލަމް އެކުލަވާލުމާއި ދިރާސާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިއުޒިލޭންޑްގެ ޔުނިވަރސިޓީއަކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ނިއުޒިލޭންޑަށް މިހާރު ކުރައްވަމުންގެންދަވާ އަމިއްލަ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެކަމަނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގެ ވައިސް ޗާންސެލަރއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ވައިކަޓޯ ޔުނިވަރސިޓީގެ ފަރާތުން ދެއްވި ދަޢުވަތަކާ ގުޅިގެންނެވެ. މި ބައްދަލުކުރެއްވުމުގައި 2 ޔުނިވަރސިޓީން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ހެޔޮ އަގެއްގައި ޔުނިވަރސިޓީ މުވައްޒަފުންނާއި އެހެނިހެން ދިވެހިންނަށް ސަރުކާރުން ދެއްވާ ލޯނު އެހީގެ ދަށުން ޕީ.އެޗް.ޑީ ހެދުމުގެ ފުރުޞަތު ފަހިކުރުމާއި ޤައުމަށް ބޭނުންވާ ޚާއްޞަ ދާއިރާތަކަށް މީހުން ބިނާކުރުމަށް ކަރިކިއުލަމް ތައްޔާރުކުރުމާއި ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ގުޅިގެން ދިރާސާތައް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަށް ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ސުޕަވައިޒަރުން ފޯރުކޮށްދިނުމަށްވެސް މަޝްވަރާކުރެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ މި މަޝްވަރާތަކާއެކު 2 ޔުނިވަރސިޓީ ދެމެދު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށެވެ. މި ބައްދަލުވުމާއެކު ތަޢުލީމީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ޔުނިވަރސިޓީގެ މުވައްޒަފުންނަށް އައު ފުރުޞަތުތައް ތަނަވަސްވާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކުރެއްވި ބޭފުޅެކެވެ.