ޚަބަރު

ޢީދު ނަމާދަށް ހާޒިރުނުވާ އިމާމުންނަށް ވަގުތުން ފިޔަވަޅުއަޅައިފި


  • ފިޔަވަޅުއެޅީ އުޞޫލުގެ ތެރެއިން މައްސަލަ ބަލުމަށްފަހު

  • މިސްކިތުގެ އިމާމުވެސް މިއަދު ހާޒިރުނުވާތީ އޭނާއަށްވެސް ވަނީ ފިޔަވަޅުއަޅާފަ

ހުޅުމާލެ މަސްޖިދު އަޒީޒާ މޫސާގައި މިއަދު ޢީދު ނަމާދުކުރަން ހަމަޖައްސާފައިވާ އިމާމު، ހާޒިރުނުވުމުން އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދަޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލެގެ އެމިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތްވެސް މިއަދު ހާޒިރުނުވުމުން، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި، އިމާމުވެ ނަމާދުކުރުމާއި ޚުޠުބާ ކިޔުމުގެ ފުރުޞަތު ނުދެއްވަން ނިންމާފައިވާކަމަށެވެ.

އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އީދު ނަމާދު ފަށަނީ ހެނދުނު 7 ޖަހާއިރު އެވެ. ނަމަވެސް އަޒީޒާ މިސްކިތުގެ އިމާމު އަދި ބަދަލު އިމާމު ވެސް މިއަދު ގަޑިއަށް މިސްކިތަށް ހާޒިރު ވެފައިނުވާތީ އެ މިސްކިތުގައި އީދު ނަމާދު ފެށީ 7:15 ހާއިރު ކަމަށްވެއެވެ.

ހަމަޖެހިފައިވާ އިމަމު ނައުމުން ޚިތުބާ ވިދާޅުވެ، އިމާމުވެ ޢީދުނަމާދު ނަމާދުކޮށްދިނީ މިސްކިތުގައި އިން ރާއްޖެއިން ބޭރުގެ ރައްޔިތެކެވެ.