ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، "ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުން" މި މައުޟޫއެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ، މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫންކަމަށެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެކަމަށާއި، ރަމަޟާންމަސް ނިމުނީމާވެސް މުއުމިނުން އަޅުކަމުގައި ދެމިތިބުމަށް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.
ޚުތުބާގައި ވިދާޅުވީ، ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި، ދެކިގެން ނުވާނެކަމަށެވެ. އަދި ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ. އަދި ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައް ކުރުން މަތީ ދެމިތިބުމަށް ގޮވާލައްވާ ޚުތުބާގައި ވިދާޅުވީ، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަޤީންވީކަމަށް ދެކިގެން ނުވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން ޚުތުބާގައިވަނީ ނިމިގެންމިދާ ރަމަޟާން މަހު ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނާން ގޮވާލައްވާ ޚުތުބާގައި ވަނީ ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ މަސައްކަތްކުރުމަށް ގޮވާލައްވާ ހެޔޮ ޢަމަލުކުރުމުގައި ހީވާގިވުމަށް ގޮވާލައްވާފައެވެ.
ޚުތުބާގައި ވަނީ ގިނައިން ތައުބާވެ، މާތްﷲ އަށް އިސްތިޣުފާރުކުރުމަށް ގޮވާލައްވާފައެވެ. ޚުތުބާގައި ވިދާޅުވީ، ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރައެއްކަމަށެވެ. އަދި ނިމިގެންމިދާ ރަމަޟާން މަހު، އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާ ނަމަ، ތައުބާވުމަކީ އޮތް ރަނުގެ ފުރުސަތެއްކަމަށާއި، އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެކަން ޚުތުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.
މީގެއިތުރުން ޚުތުބާގައިވަނީ ޝައްވާލުމަހުގެ ހަ ރޯދައިގެ މާތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޚުތުބާގައި ވިދާޅުވީ، ޝައްވާލު މަހުގެ ހަ ރޯދަ އަކީ މުއުމިނުންނަށް ލިބޭ ބޮޑު ނިޢުމަތެއްކަމަށެވެ. އެހެންކަމުން ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.
ޚުތުބާގައިވަނީ ރަމަޟާންމަހުގެ ރޯދައާއި ވިދިގެން އަދާކުރުމަށް އަމުރުކުރައްވާފައިވާ ފިތުރު ޒަކާތުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޚުތުބާގައި ވިދާޅުވީ، ފިޠުރު ޒަކާތަކީ ރޯދަ މަހު ރޯދަހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއްކަމަށެވެ.