ރާއްޖޭގެ ތަޢުލީމީ މަންހަޖަކީ އިސްލާމްދީން ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށްދެވޭނެފަދަ މަންހަޖެއްކަމަށާއި އެހެންނަމަވެސް އެމަންހަޖު ތަންފީޒުވަމުންދޭތޯ ސުވާލުއުފައްދަން ޖެހޭކަމަށް އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު އިޙްޔާފޯރަމް ރޭ ބާއްވަފައިވާއިރު، މަޢުޟޫއަކީ "އިސްލާމީ ތަޢުލީމީ ނިޒާމު" މިމަޢުޟޫއެވެ.
ރަމަޟާން މަހުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ އިސްލާމީ ޤައުމެއްގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މަތީގައިކަމަށެވެ. އެގޮތުން ރާއްޖޭގައި ލިޔެވިފައިވާ ތަޢުލީމީ މަންހަޖުގެ އެންމެ މުހިއްމު އަސާސަކީ، އިސްލާމީ ޢަޤީދާ ވަރުގަދަ ކުއްޖަކު މުޖުތަމަޢަށް ނެރުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު މުޖުތަމަޢުން ފެންނަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް އިސްލާމް ދީނާއި ބީރައްޓެހި ކަންތައްތައް އާންމުވަމުންދާ މަންޒަރުކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.
މިގޮތުން މީހުންގެ އަބުރާއި ކަރާމާތަށް އަރައިގަތުމާއި، ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގައި އޮތް ތަޢުލީމީ މަންހަޖު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުވަމުންދޭތޯ މިއަދު ސުވާލުކުރަންޖެހޭކަމަށް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ. މިކަމާމެދު ފުންކޮށް ވިސްނައި، މައްސަލައަކީ އުނގަންނައިދެވޭ ގޮތްތޯ ނުވަތަ އުނގެނެމުގައި ދިމާވާ މައްސަލައެއްތޯ ދެނެގަންނަންޖެހޭ ޙާލަތަށް މިކަންގޮސްފައިވާކަން ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މުޖުތަމަޢުން ފެންނަމުންދާ ނޭދެވޭ ސިފަތަކަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެކަމުގެ ޙައްލު ގެނެވެންޖެހޭނެ ކަންތައްތަކެއްކަމަށްވެސް ވިދާޅުވިއެވެ.
"ތަޢުލީމުގައި ކިޔަވައިދެވޭ އެންމެހާ މާއްދާތަކާއި ކިޔަވައިދިނުމުގައި ބޭނުންކުރާ އެންމެހާ އުކުޅުތަކާއި ކިޔަވާއިދިނުމާއި ގުޅންހުރި އެންމެހާ ޙަރަކާތްތަކާއި އެދުރުންގެ ޙަރަކާތްތަކާއި ކިޔަވާ ކުދިންގެ ހުންނަންޖެހޭ އަދަބުތަކާއި އުޅުންތަކާއި ގުޅުންތައް، އެހުރިހާކަމެއްވެސް ބިނާވެފައި ހުންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި އެއްގޮތަށް." ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޑރ.ޢަލީ ޒާހިރު ވިދާޅުވީ، އިސްލާމީ ޤައުމެއްގެ ތަޢުލީމީ ނިޒާމު ސީދާ ވާންޖެހެނީ އިސްލާމީ ޢަޤީދާއާއިކަމަށެވެ. މިރޮނގުން މަސައްކަތްކުރުމަކީ ތަޢުލީމީ ނިޒާމުގައި ހިމެނޭ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއްކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އެގޮތުން ދީނާއި ފުށުއަރާ ކަންކަން ކުދިންނަށް ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ދަސްކޮށްދެވިގެން ނުވާނެކަމަށާއި، އިސްލާމީ އިޤްތިޞާދުން މިސާލުޖައްސަވާ ޑރ.ޢަލީ ޒާހިރު ވިދާޅުވީ، މާލީ ނިޒާމުގެ މާއްދާތައް ކިޔަވައި ދިނުމުގައި ރިބާގެ ނުބައިކަން ދަރިވަރުންނަށް ބުނެދޭންޖެހޭނެކަމަށެވެ. އަދި އިސްލާމީ އިޤްތިޞާދެއް ބިނާކުރުމުގައި އެކަމުގެ މުހިއްމުކަންވެސް ވިސްނައިދެވެން ވާނެކަމަށާއި، ތަޢުލީމު ފޯރުކޮށްދިނުމުގައި ކީރިތި ރަސޫލާ މުޙައްމަދުން (ޞ.ޢ.ވ) ނަމޫނާއަކަށް ބަލަންޖެހޭކަމަށް އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވިއެވެ.