މި އަހަރުގެ ޖޫން މަހަށް ތާވަލުކޮށްފައިވާ ބައިނަލްއަގުވާމީ މެޗުތައް ފަސްކުރުމަށް އިންގްލަންޑުގެ ކޯޗު ތޯމަސް ޓުޗެލް ގޮވާލައިފިއެވެ. ޖަރުމަނަށް ނިސްބަތްވާ ކޯޗު މިހެން ގޮވާލާފައިވަނީ ފީފާއިން ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ޖޫން މަހަށް ތާވަލުކުރުމާ ގުޅިގެންނެވެ.
ޓުޗެލް ބުނެފައިވަނީ ބުރަ ސީޒަނަކަށްފަހު އަރާމުކުރުމަށް ވަގުތުނުދީ އަނެއްކާވެސް ކުޅުންތެރިން ދަނޑަށް އެރުވުމަކީ އޭނާގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ސީޒަނެއް ނިމުމަށްފަހު އެކަށީގެންވާވަރުގެ ދިގު ޗުއްޓީއެއް ކުޅުންތެރިންނަށް ލިބެންޖެހޭނެ ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ. ޓުޗެލް ބުނީ ފީފާއިން މިކަމާ މެދު އިތުރަށް ވިސްނާ، މެޗުތައް ފަސްކޮށްލުމަކީ ކުޅުންތެރިންނަށް ދެވޭނެ ވަރަށް ބޮޑު ލުޔަކަށްވާނެ ކަމަށެވެ.
"ބައިނަލްއަގުވާމީ މެޗުތައް ކުޅެން ޖޫން މަހަށް ތާވަލުކުރުމާ އަހަރެން ދެކޮޅު. ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ބޭނުންވާނެ" ޓުޗެލް ބުންޏެވެ.
ޔޫރަޕް ކުލަބުތަކުގެ ސީޒަން ނިމޭ ތަނަށް، ފީފާއިން ވަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ތާވަލުކޮށްފައެވެ. ޖޫން މަހުގެ މެޗުތަކާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް އަޑުފެތުރެމުންދާއިރު، ބައެއް މީޑިއާތަކުން ބުނެފައިވަނީ ފީފާއިން ނެރެފައިވާ ތާވަލާ އެއްގޮތަށް މެޗުތައް ކުރިއަށް ނުގޮސް، މި މެޗުތައް ކެންސަލްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ފީފާގެ ތާވަލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ޓުޗެލް ބުނީ ޔޫރަޕިއަން ނުވަތަ ވޯލްޑް ކަޕް ފަދަ ބޮޑެތި އިވެންޓުތައް ކުރިއަށް އޮތްއިރު، ޖޫން މަހުގެ މެޗުތަކާ ހެދި ހޫނު މޫސުމުގެ ފުރަތަމަ ހަފުތާވެސް ކުޅުންތެރިންނަށް ގެއްލިގެންދާނީ އަރާމެއްނެތި ކަމަށެވެ.
"އަހަރެންގެ ކަންބޮޑުވުމަކީ ކުޅުންތެރިން ވާދަކުރަންޖެހޭ މެޗުތަކުގެ އަދަދެއްނޫން. އަހަރެންގެ ކަންބޮޑުވުމަކީ ކުޅުންތެރިންނަށް ދެ ހަފުތާ ނޫނީ ތިން ހަފުތާގެ ރަނގަޅު ބްރޭކެއް ނުލިބުން" ޓުޗެލް ބުންޏެވެ.
ކުރިއަށް މިއޮތް ދުވަސްތަކަކީ އިންގްލަންޑް ޓީމަށް ބުރަ ދުވަސްތަކެކެވެ. އެގޮތުން އެ ޓީމަށް ގިނަ މެޗުތަކެއް ބޯމަތިވެފައިވާއިރު، އިންގްލަންޑް ޓީމުން އެންމެ އަވަހަށް ނުކުންނާނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޖޫން މަހުގެ ހަތްވަނަ ދުވަހު އެންޑޯރާއާ ދެކޮޅަށެވެ. އެއަށްފަހު ޖޫން މަހުގެ 10 ވަނަ ދުވަހު އިންގްލަންޑުން ސެނެގާލްއާ ވާދަކުރުމަށް ހަމަޖެހިފައިވަނީ އެކުވެރިކަމުގެ މެޗެއްގައެވެ.