ކުޅިވަރު

ސާބާ ކުލަބު ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާނީ ޓީރެކްސް


އަންނަ އޭޕްރީލް މަހު އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ކުލަބު ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ޓީރެކްސް ބާސްކެޓްބޯލް ކުލަބަށް ލިބިއްޖެއެވެ.

މި މުބާރާތުގައި ވާދަކުރުމަށް ޓީރެކްސް ޓީމު މިއަދު އިންޑިއާއަށް ގޮސްފައިވާއިރު، ޓީރެކްސްއަށް މި މުބާރާތުން ޖާގަ ލިބިފައިވަނީ މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯލް ލީގު ކާމިޔާބުކުރުމާ ގުޅިގެންނެވެ.

މި މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތުދެމުން ޓީރެކްސްގެ ކޯޗު އަލީ ފަޒްލީ ބުނީ ޓީމުން މުބާރާތާ ކުރިމަތިލަނީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށެވެ. އަދި އަޒުމަކީ ވާދަވެރި ޓީމުތައް ބަލިކޮށް ތައްޓަކާއެކު އެނބުރި ރާއްޖެއަށް އައުން ކަމަށްވެސް ވަނީ ބުނެފައެވެ.

"މުބާރާތަށް މިދަނީ ވަރުގަދަ ސްކޮޑަކާއެކު، މީގެ ތެރޭގައި ބިދޭސީ ތިން ކުޅުންތެރިއަކުވެސް ހިމެނޭނެ. އުއްމީދަކީ މުބާރާތުގެ ތަށި ހޯދުން" ފަޒްލީ ބުންޏެވެ.

އިންޑިއާގެ ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތަކީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން މުޅިން އަލަށް ފަށާ މުބާރާތެކެވެ. ޓީރެކްސްގެ ކޯޗު ފަޒްލީ ބުނީ މިފަދަ މުބާރާތްތަކުގެ ސަބަބުން ކުލަބުތަކުގެ ފޯރި އިތުރަށް ގަދަވާނެކަމަށް ގަބޫލުކުރާ ކަމަށާއި، މިފަދަ ފުރުސަތުތައް ކުލަބުތަކަށް ލިބުމުން މިކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޮރުތަކެއް ފަހިވާ ކަމަށެވެ. މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ލިބެނީ ހަމައެކަނި ގައުމީ ޓީމަށްކަން ފާހަގަކުރަމުން ފަޒްލީ ބުނީ ކުލަބުތަކަށްވެސް މިފަދަ ފުރުސަތުތައް ލިބެން ފެށުމުން ކުލަބުތަކުގެ ޖޯޝާއި ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި މުބާރާތުގައި އަންނަ މަހުގެ ދެވަނަ ދުވަހު ޓީރެކްސް ނުކުންނާނީ ބޫޓާންގެ ތިމްޕޫ މެޖިކްސްއާ ދެކޮޅަށެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު ޓީރެކްސްއިން ނުކުންނާނީ ސްރީ ލަންކާގެ ކޮލަމްބޯ ބީސީ ބަލިކުރުމަށެވެ. އަދި ހަތަރުވަނަ ދުވަހު ނޭޕާލްގެ ޓައިމްސް ބީސީއާ ދެކޮޅަށް ކުޅުމަށްފަހު، ދެން ޓީރެކްސްއިން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާގެ ކުލަބު ޓެމިލް ނާޑޫއާ ދެކޮޅަށެވެ. ފަސްވަނަ މެޗުގައި ޓީރެކްސްއާ ދެކޮޅަށް ނުކުންނަން ތާވަލުކޮށްފައިވަނީ ޕާކިސްތާންގެ އައިއެސްބީ ޕެންތާސްއެވެ.

އަންނަ މަހުގެ 2 އިން 7 އަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގު ބާސްކެޓްބޯލް މުބާރާތުގެ ފައިނަލުން ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފައިނަލުގައި، މި މުބާރާތުގެ ޗެމްޕިއަން ޓީމު ވާދަކުރަންޖެހޭނީ ދުބާއީގެ ޝަބާބް އަލް އަހްލީއާއެވެ.