ޚަބަރު

ފްރާންސްއާ ވާދަކުރަން މިތިބީ ކެތްމަދުވެފައި: ޑެ ލަ ފުއެންޓޭ


ސްޕެއިނުގެ ޒުވާން ޓީމުން މިހާރު އަމާޒުހިފާފައިވަނީ ކުރިއަށް އޮތް ފްރާންސް މެޗުވެސް ކާމިޔާބުކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ޑި ލާ ފުއެންޓޭ މިހެން ބުނެފަވަނީ މިދިޔަ އާދިއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިން ޓީމުން ވަނީ ފާއިތުވެ ދިޔަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތަށިވެސް އުފުލާލާފައެވެ.

ސްޕެއިނުން ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގަ ހޯދާފައިވަނީ ނެދަލަންޑްސްއާ ވާދަކޮށެވެ. ސްޕެއިނުގެ މެސްޓަލާ ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު އެގްރިގޭޓް ނަތީޖާ 5-5 ގެ ނަތީޖާއަކުން އެއްވަރުވުމުން، މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ނެދަލަންޑްސްގެ މައްޗަށް ސްޕެއިން ކުރި ހޯދާފައިވަނީ 5-4 ގެ ނަތީޖާއަކުންނެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިން ކުރިމަތިލާނީ ވަރުގަދަ ފްރާންސްއާއެވެ. މިމެޗަކީ ހުށިޔާރުވާން ޖެހޭ މެޗެއް ކަމަށާއި، އިދިކޮޅު ޓީމަށް ބެލުމެއްނެތި އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތްކުރާނީ މެޗު ކާމިޔާބުކުރުމަށްކަމަށް 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިނަށް ހޯދައިދިން ކޯޗު ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ.

އޭނާގެ ޓީމަކީ ޒުވާން ޓީމެއްކަން ފާހަގަކުރަމުން ޑެ ލަ ފުއެންޓޭ ބުނީ އެއީ ހިތްވަރުކުރާ، އަޒުމު ވަރުގަދަ، މޮޅުވުމުގެ ރޫހެއްގައި ތިބި ކުޅުންތެރިންތަކެއް ކަމަށެވެ. އޭނާގެ ޓީމުން ގަބޫލުކުރާ ކަމައެކަނި އެއްޗަކީ ކާމިޔާބު ހޯދުން ކަމަށާއި، އެ އުއްމީދަށް ވާސިލުވުމަށް ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް ތިބީ ނުގުޑާ ފަދަ އަޒުމެއްގައި ކަމަށް ވަނީ ބުނެފައެވެ.

ފްރާންސް މެޗާ ގުޅޭގޮތުން ޑެ ލަ ފުއެންޓޭ ބުނީ ފްރާންސަކީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، ޔޫރޯގެ ޗެމްޕިއަންކަންވެސް ހޯދަފައިވާ ވަރުގަދަ ޓީމެއްކަން ހަނދާނުގައި އެބަހުރި ކަމަށެވެ. އަދި ފްރާންސް ޓީމަކީ އާދައިގެ ބައެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ އެކަން އެނގި ތިބެ، ސްޕެއިނުގެ ކުޅުންތެރިން ފަހު ވަގުތާ ހަމައަށްވެސް ހިތްވަރުކުރާނީ މެޗުން މޮޅުވާން ކަމަށެވެ.

"ފްރާންސް ޓީމުން އަހަރެމެން ބަލި ނުކުރާނެއެކޭ ނުބުނާނަން. އެހެންވިޔަސް އަހަރެމެންގެ އަމާޒަކީވެސް ކާމިޔާބު ހޯދުން. ކޮންމެ ފަހަރަކު މޮޅުނުވެސް ހިނގައިދާނެ. އެކަމަކު ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރި އެބަ ތިބި ސްޕެއިން ޓީމުގަ. އަހަރެންގެ އުއްމީދަކީ މިޓީމު ގިނަ އަހަރުތަކެއް ވަންދެން ޓީމެއްގެ ގޮތުގައި ތިބެ، ގިނަ ތަށިތަކެއް އުފުލާލުން" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނުން ވަރުގަދަ ފްރާންސްއާ ދެކޮޅަށް ނިކުންނާނީ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ. "ބްލޮކް ބަސްޓަރ" މެޗެއްގެ ގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވާ މިމެޗު ކުޅޭނީ ޖަރުމަނުގެ ސްޓުޓްގާޓްގައެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ދެން ޖާގަ ކަށަވަރުކޮށްފައިވާ އަނެއް ދެ ޓީމަކީ ޖަރުމަނާއި ޕޯޗުގަލްއެވެ.