ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން މިހާރު ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ދަށުން ޣައްޒާގައި ހުންނަ ރެޑް ކްރޮސްގެ އޮފީހެއްގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ އޮފީހަކަށް ބޮންއަޅައި، އދގެ ފަސް މުވައްޒަފުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރްވާ)ގެ އޮފީހަކަށެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރައެވެ. އަދި، އިތުރު 111,000އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 15 މަހަށް ފަހު ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ގިނަ ޖަރީމާތަކެއް ހިންގުމަށް ފަހު، މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެއްބަސްވުން އުވައިލައި، ޣައްޒާއަށް އަލުން ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއިން 700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 400އަށްވުރެ ގިނަ އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި 65 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރެއިން 23 މީހުން ޝަހީދު ކޮށްލާފައި ވަނީ ފަތިހު ދިން ރަޙުމު ކުޑަ ޙަމަލާތަކުގައެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ.
ޒަޔަނިސްޓުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން އދގެ މުވައްޒަފުންތަކެއް ޝަހީދު ކޮށްލުމާ އެކު، އެ ދައުލަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި ކަމާ ގުޅިގެން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އދގެ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ.
އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ ޣައްޒާގައި މި ވަގުތު ހަރަކާތްތެރިވަމުންދާ އދގެ ބައިނަލްއަޤުވާމީ (ނުވަތަ އެހެން ޤައުމުތަކަށް ނިސްބަތްވާ) މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި އެ ސަހަރުން ބޭލުމަށް ނިންމާފައިވާ ކަމުގައެވެ. މި ގޮތުން، ޣައްޒާގައި މި ވަގުތު ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ 100އެއްހާ މުވައްޒަފުންގެ ތެރެއިން 30 މުވައްޒަފުން އެ ސަހަރުން ބޭލުމަށް ނިންމާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.
"[ޣައްޒާގައި] މި ވަގުތު ތިބި ބައިނަލްއަޤުވާމީ މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މި ހަފުތާގައި އެ ސަހަރުން ފައިބާނެ، އެ އަދަދު އިތުރުވުން އެކަށީގެންވޭ. މިއީ ވަގުތީ ފިޔަވަޅެއް. ވީ އެންމެ އަވަހަކަށް ޣައްޒާއަށް އެނބުރި ދިޔުމަކީ އަޅުގަނޑުމެންގެ އުންމީދު،" ދުޖަރީކް ވިދާޅުވިއެވެ. މިއީ، އދން ޣައްޒާގެ ރައްޔިތުން ދޫކޮށްލާފައި ފޭބުން ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މި ދަތި ފިޔަވަޅު އެޅުމަށް ނިންމަވާފައި ވަނީ ސެކްރެޓަރީ-ޖެނެރަލް [އެންޓޯނިޔޯ ގުތެރޭޝް]… ފިޔަވަޅު އަޅާފައި މި ވަނީ [ޣައްޒާގެ ރައްޔިތުންގެ] އިންސާނީ އެހީގެ ބޭނުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އަދި ޣައްޒާގެ ރައްޔިތުންނަށް ޙިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދިނުމުގެ ކަންބޮޑުވުން އިތުރުވެފައިވާ ވަގުތެއްގައި. [ޣައްޒާގެ] ޢާންމުންނަށް އެހީތެރި ކަމާއި ރައްކާތެރި ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީން ކަން އަރުވަން،" އޭނާ ވިދާޅުވިއެވެ.
ދުޖަރީކް ވިދާޅުވީ ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ދަޔިރް އަލް-ބަލަޙްގައި ހުރި އިމާރާތަކީ އދގެ މަރުކަޒެއް ކަން ޔަހޫދީންނަށް ސާފުކޮށް އެނގޭނެ ކަމުގައެވެ. މާރިޗު 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި އދގެ މުވައްޒަފަކު ޝަހީދު ކޮށްލައި، އިތުރު ހަ މުވައްޒަފުން ޒަޚަމު ކޮށްލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
އިތުރު ހަތަރު މުވައްޒަފުން ޝަހީދު ކޮށްލާފައި ވަނީ އެހެން ޙަމަލާތަކެއްގައެވެ. ދަޔިރް އަލް-ބަލަޙަށް ދީފައިވާ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރޭގައި، ފަރަންސޭސިވިލާތާއި، މޮލްޑޯވާއާއި، ނޯތު މެސެޑޯނިޔާގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތަކު ހިމެނެއެވެ. އެ މީހުން ތިބި އިމާރާތަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ އަސްކަރީ ޓޭންކެކެވެ.
އުންރްވާގެ އިތުރުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ އެހެން ޖަމާޢަތްތަކުގެ މުވައްޒަފުންނާއި، އެ މީހުން ބޭނުން ކުރަމުންދާ އިމާރާތްތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، އެންމެ ފަހުން ދީފައިވާ މި ފަދަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގެ ދެކުނުގައި އޮތް ރަފަޙްގައި ރެޑް ކްރޮސުން ބޭނުން ކުރަމުން ދިޔަ އިމާރާތަކަށެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މިއީ ޔަހޫދީ ފައުޖުން ގަސްދުގައި ދީފައިވާ ޙަމަލާތަކެކެވެ.
ރެޑް ކްރޮސުން ބުނީ، ޔަހޫދީންގެ ޙަމަލާގައި އެ ޖަމާޢަތުގެ އެއްވެސް މުވައްޒަފެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. ނަމަވެސް، އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރަފަޙްގައި ހާލުގައި ޖައްސާފައިވާ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ މުވައްޒަފުން ބޭނުން ކުރަމުން ދިޔަ އިމާރާތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތައް ކުށްވެރި ކުރާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
ޔަހޫދީ ފައުޖުން ބުނީ، ރެޑް ކްރޮސުން ބޭނުން ކުރަމުން ދިޔަ އިމާރާތަކަށް ޙަމަލާ ދެވިފައި ވަނީ ނޭނގުމެއްގެ ތެރެއިން ކަމުގައެވެ. އެ ތަނަށް ޙަމަލާ ދޭން ފަށާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ބަޔަކު އެ އިމާރާތުގައި ހަރަކާތްތެރި ވާން ފެށުމުން ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. އެ ތަނުގައި މުޖާހިދުންގެ ބަޔަކު ނެތް ކަން އިނގުނީ އެ އިމާރާތަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ފަހުގައި ކަމަށް ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.