ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް 'ލަކުސަނަ' ރަސްމީކޮށް ފަށައިފިއެވެ. މިއީ، ޕީސް ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.
ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާޙު ބުނީ، މި މަހުގެ 5 އިން 8 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދީނީ އަދި އެކިއެކި ދާއިރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޞަބާޙު ބުނީ، މުޅި ރަށުގެ ރައްޔިތުން ޝާމިލުވާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދީނީ އިލްމުވެރިން ހިމެނޭހެން 20 އެކްސްޕާޓުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު ހެނދުނު ތަމްރީނު ޕްރޮގްރާމުތައް ފަށާފައިވާއިރު، ހަވީރުގެ ވަގުތުގައި 5 ޓީމަކާއެކު މަސްރޭހެއްވެސް ބާއްވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުގެ އެކިއެކި ގިންތިތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޕޭރެންޓިންގ ވޯކްޝޮޕުތަކާއި، ޓީނޭޖް ވޯކްޝޮޕް، ބިޒްނަސް ޕްލޭން ކުރުމާއި، މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕްތައް ހިމެނެއެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމުތަކާއި، އަންހެން ކުދިންނާއި ޓީޗަރުންނަށް ޚާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ރަށުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުއައްސަސާތަކުގެ ވެރިންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ޕްރޮގްރާމެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޞަބާޙު ފާހަގަކުރި ގޮތުގައި މީގެކުރިން މ. ދިއްގަރުގައިވެސް ވަނީ މިފަދަ ޕްރޮގްރާމެއް ހިންގާފައެވެ. އަދި އެ ޕްރޮގްރާމްތަކުގައި ރަށުގެ އާބާދީގެ 80 އިންސައްތަ މީހުން ބައިވެރިވެފައިވާއިރު، އެޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރިއެވެ.
ޕީސް ފައުންޑޭޝަނަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެ، ތައުލީމާއި ތަމްރީނުގެ ތެރެއިން އަޚުލާގީ ގޮތުން ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. 2010 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއިން ދަނީ ދަރުސްތަކާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި، ދައުވާ މެނޭޖްމަންޓް ވޯކްޝޮޕްތަކުގެ އިތުރުން އިސްލާމިކް ފައިނޭންސް ފަދަ ތަފާތު ދާއިރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.