ޚަބަރު

އުކުޅަހު އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި


  • މަސައްކަތް ކުރީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން

  • މިއީ 1.3 މިލިއަން ރުފިޔާގެ މަޝްރޫޢެއް

އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ކޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އުކުޅަހުގައި ޤާއިމްކުރި މި ކޯޓަކީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1،359،163.58 ރުފިޔާއެވެ.

މި ކޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ރޭގަނޑުވެސް ކުޅެވޭގޮތަށް ފުރިހަމަ ލައިޓް ސިސްޓަމެއް ހަރުކޮށް، ވަރަށް ފުރިހަމައަށް ޤާއިމްކޮށްފައިވާ ވޮލީ ކޯޓެކެވެ.

މި ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ކޯޓުގައި އެކުވެރިކަމުގެ މެޗެއްވެސް ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.