ދުނިޔެ

ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލަށް ޔަހޫދީން ބޮން އަޅައި، ގޮއްވާލައިފި


ފަލަސްޠީނުގެ ޣައްޒާއަށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް ދޭން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން، ޣައްޒާގައި ކެންސަރަށް ފަރުވާދެވޭ ހަމައެކަނި ހޮސްޕިޓަލަށް ބޮން އަޅައި، ގޮައްވާލައިފިއެވެ.

ޔަހޫދީ ފައުޖުން ބޮން އެޅުމުގެ ސަބަބުން، ބާރުގަދަ ގޮވުމެއްގައި ޣައްޒާގެ މެދުގައި ހުންނަ ޓަރކިޝް-ޕަލަސްތިނިއަން ފްރެންޑިޝް ހޮސްޕިޓަލް ވަނީ ބިމާހަމަފައެވެ. އެ ހޮސްޕިޓަލުގެ އިމާރަތަށް އޭރުވެސް ހުރީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން ކުރިން ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އެ ވައިގެ ޙަމަލާގައި އެ ހޮސްޕިޓަލާ އިންވެގެން ހުންނަ މެޑިކަލް ސްކޫލް ވެސް ވަނީ ސުންނާފަތިވެފައެވެ.

އެ ހޮސްޕިޓަލު ބިމާހަމަވުމާއެކު، ކެންސަރު ބައްޔަށް ފަރުވާ ހޯދޭނެ ގޮތެއް ނެތި، ޣައްޒާގައި ތިބި އެތައް ހާސް ބަލި މީހުން ތިބީ ގޮތްހުސްވެފައެވެ.

ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ޔަހޫދީން ބަންދުކުރުމާ ގުޅިގެން، ތެޔޮ ލިބުން ދަތިވެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލް ނުހިންގޭ ޙާލަތަށް ގޮސް، އެތަނުގައި ތިބި 70 ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ޙާލަތަށް ދިޔަ ކަމަށް އޭރު އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ފަހަރު، އޭގެތެރެއިން ހަތަރު ބަލި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވި، ނިޔާވިކަން ވަނީ ހާމަވެފައެވެ.

ތުރުކީވިލާތުން 34 މިލިއަން ޑޮލަރުގެ އެހީ ދީގެން، އެ ހޮސްޕިޓަލުގެ ބޮޑު ބައެއް އަލުން އިމާރާތްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ހޮސްޕިޓަލުން އަހަރަކު 30،000 އެއްހާ ބަލިމީހުން ފަރުވާ ހޯދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން ގަސްދުގައި ރާވައިގެން، ޣައްޒާއަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ތަނަކަށް ހަދައި، އެތަން ދޫކޮށް ދާން މީހުންނަށް މަޖުބޫރުވުމުގެ މަޤްޞަދުގައި ދިން ޙަމަލާއެއް ކަމަށެވެ.

އަދި މިފަދަ އިސްރާއީލުން ހިންގާ މިފަދަ ނިރުބަވެރި ޢަމަލުތައް ހުއްޓުވައިދޭން، އެ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، މިއީ ޔަހޫދީންގެ ނިރުބަވެރި ފައުޖުން، ޣައްޒާގެ ސިއްޙީ ނިޒާމު ފުނޑާލައި، ޣައްޒާގެ މައުސޫމް ރައްޔިތުންގެ ނަޞްލު ހޭދަ ކުރުމުގެ ޢަމަލެއް ކަމަށެވެ.

15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ޙަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.