ސޫދާނުގެ ވެރިރަށް ޚަރްތޫމުގައި ހުންނަ ރިޔާސީ ގަނޑުވަރު، ހަނގުރާމަވެރިންގެ އަތްދަށުން އަނބުރާ ހޯދާފައިވާ ކަމަށް ސޫދާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ސޫދާންގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ, ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް)ގެ ސިފައިން 2023ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްތޫމަށް އަރައި, އެ ރަށް ހިފުމަށް ޙަމަލާ ދިނުމުންނެވެ.
ރިޔާސީ ގަނޑުވަރު އަނބުރާ ހޯދުމަކީ، ސޫދާނުގެ އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދުގައި ތިބެ، އަސްކަރީ ފައުޖުތަކަށް ޙަމަލާތައް ދެމުންދާ ކަމަށް އާރުއެސްއެފުން ބުންޏެވެ.
ސޫދާނުގެ ސިފައިން ރިޔާސީ ގަނޑުވަރު ތެރޭގައި އުފާފާޅުކުރާ މަންޒަރު އަސްކަރިއްޔާއިން ވަނީ ސޯޝަލް މީޑިޔާގައި ވަނީ އާންމުކޮށްފައެވެ.
ޚަރަތޫމްގެ އެކި ސަރަޙައްދުތަކުން ޙަމަލާތައް ބަދަލުކުރުމުގެ އަޑުތައް އިވެމުންދާކަމަށް މީޑިޔާ ރިޕޯޓުތައް ބުންޏެވެ.
ސޫދާނުގެ އަސްކަރިއްޔާއިން ބުނީ، ހަނގުރާމަވެރިންގެ އަތްދަށުން ޚަރްތޫމް މިނިވަންކުރެވެންދެން، ސިފައިންގެ ސަފުތައް ކުރިއަށް ޖެހެމުންދާނެ ކަމަށެވެ.
ސޫދާނުގެ ޙާލަތާ ގުޅޭ ގޮތުން އދން ބުނީ އެ ޤައުމުގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާ ކަމަށާއި 12 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.
ނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާންގެ ޙާލަތަށް ލިބެމުންދާ ސަމާލުކަން ވަނީ ކުޑަވެފައެވެ.