ޚަބަރު

ޣައްޒާ ޢުދުވާނާ ގުޅިގެން ތެލް އަވީވާއި ޤުދުސްގައި ނަތަންޔާހޫއާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް އަލުން ފެށުމާ ގުޅިގެން އޭނާއާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު އަޑު އުފުލަން ފަށައިފިއެވެ. އިސްރާއީލުގެ ވެރިރަށް ތެލް އަވީވާއި ޤުދުސްގައި ހުންނަ ނަތަންޔާހޫ ދިރިއުޅޭ ގޭގެ ކައިރީގައި އޭނާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންދާ މީހުންނަށް ހުރަސް އެޅުމަށް ޔަހޫދީ ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމުގެ ނަމުގައި ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާއިރު، ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމުވެފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް އަޑު އުފުލުމަށް މި ވަގުތު ދެ މުޒާހަރާއެއް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެއް ބަޔަކީ، ޣައްޒާ ޢުދުވާން އަލުން ފެށުމާ ގުޅިގެން އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންދާ އެތަކެއް ސަތޭކަ ބަޔެކެވެ. ދެވަނަ މުޒާހަރާއަކީ، އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ، ޝަބާކުގެ ވެރިޔާ ވޮނަން ބާ، އެ މަޤާމުން ވަކި ކުރުމާ ދެކޮޅަށް އަޑު އުފުލަމުންދާ ގުރޫޕެކެވެ. 2021ވަނަ އަހަރު، ޝަބާކުގެ ވެރިޔާ ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައިވާ ބާ، އެ މަޤާމުން ވަކި ކުރުމަށް ޒަޔަނިސްޓު ސަރުކާރުގެ ކެބިނެޓުން ވަނީ ފާސް ކޮށްފައެވެ.

ޣައްޒާ ޢުދުވާނާއި، ޝަބާކުގެ ވެރިޔާ ކަމުގެ މަޤާމުން ބާ ދުރު ކުރުމަށް ނިންމުމުން އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންދާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ޤުދުސްގައި ފުލުހުން ޖަހާފައިވާ ބެރިކޭޑޫތައް ފަޅައިލައި، ބަންދު ކޮށްފައިވާ ސަރަޙައްދުތަކަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމުރަށް ޣައްޒާ ޢުދުވާން ފަށާފައި މި ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

ނަތަންޔާހޫއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި އެތަކެއް ހާސް ބަޔަކު

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. މީގެ އިތުރުން، 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީން ވަނީ އެ އެއްބަސްވުމާ ޚިލާފަށް ގިނަ ޖަރީމާތަކެއް ހިންގާފައެވެ. އޭގެ ތެރޭގަައި ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހިމެނެއެވެ. އަދި، ޣައްޒާއަށް ފޯރުކޮށްދެމުން ދިޔަ ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލުން ހިމެނެއެވެ. ނަމަވެސް، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ އެއްބަސްވުމަށް އިޙުތިރާމުކޮށް، އޭގެ ފުރަތަމަ މަރުޙަލާގައިވާ ހުރިހާ އިޖުރާޢަތުތަކެއް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުންގެ އަދަދު 59އަށް އަރާ ކަމަށް ބެލެވެއެވެ. ތެލް އަވީވާއި ޤުދުސްގައި ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ދަނީ، އަސީރުން މިނިވަން ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް އޭނާ ހުރަސް އެޅުމާ ގުޅިގެން އެ ކަން ކުށްވެރި ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ޤަބޫލު ކުރާ ގޮތުގައި ޣައްޒާ ޢުދުވާން އަލުން ފެށުމަށް ނަތަންޔާހޫ އަމުރު ކޮށްފައި ވަނީ އަސީރުން މިނިވަން ކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ޣައްޒާ ޢުދުވާނުގައި 600އެއްހާ މީހުން ޝަހީދު ކޮށްލުން

ޣައްޒާ ޢުދުވާން އަލުން ފެށުމަށް ފަހު ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 590އަށް އުފުލިފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނެވެ. އަދި އުމޫރުންނެވެ. ޔަހޫދީން މިހާރު ދެމުންދާ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ ގެދޮރު ނެތިކޮށްލާފައިވާ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ސަރަޙައްދުތަކާއި ފޭލިގެ ކޭމްޕުތަކަށެވެ.

ޝަބާކުގެ ވެރިޔާ ކަމުގެ މަޤާމުން ބާ ވަކި ކުރުމަށް ނަތަންޔާހޫ ނިންމާފައި ވަނީ، އޭނާގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ކޮރަޕްޝަންގެ ތަޙުޤީޤަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ. މި މައްސަލައިގައި ނަތަންޔާހޫގެ ސަރުކާރުގެ އިސް ވެރިންތަކެއް، އަދި އޭނާގެ އަރިސް އެހީތެރިންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ޝަބާކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި، މިއީ އޭނާގެ ސަރުކާރު ވައްޓައިލުމަށް ހިންގަމުންދާ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާ ޢުދުވާން އަލުން ފަށައި، ޝަބާކުގެ ވެރިޔާ މަޤާމުން ދުރުކޮށްފައި މި ވަނީ ނަތަންޔާހޫގެ ސަރުކާރު ވެއްޓުމުގެ ބިރަށް ކަމުގައި ބެލެވޭ ކަމުގައެވެ. ޣައްޒާ ޢުދުވާން މެދުކަނޑައިލުމާ އެކު ޒަޔަނިސްޓު ސަރުކާރުން ވަކިވެ، ފެޔަށް ޖެހުނު ޤައުމީ ސަލާމަތާ ބެހޭ ކުރީގެ ވަޒީރު އިތަމާރް ބެން-ގުރީވުގެ ޕާޓީން ވަނީ އަލުން ނަތަންޔާހޫގެ ސަރުކާރާ ގުޅިފައެވެ. އެެއީ، ހައްދުފަހަނަ އެޅި ޔަހޫދީންގެ މައްޗަށް އެކުލެވިގެންވާ ޕާޓީއެކެވެ. އެ ޕާޓީގެ ހަމައެކަނި އަމާޒަކީ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ހުރިހާ ބިންތަކެއް ފޭރިގަތުމެވެ.