ޚަބަރު

ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި އެއް ދުވަސް ތެރޭގައި 85 މީހުން ޝަހީދު ކޮށްލައިފި، ގިނައީ އަންހެނުންނާއި ކުޑަކުދިން


15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ޙަމަލާތަކުގައި އިތުރު 85 މީހުން ޝަހީދު ކޮށްލައިފިއެވެ. އެއާއެކު މާރިޗު މަހުގެ 18ވަނަ ދުވަހު ދޭން ފަށާފައިވާ މި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންގެ ޢަދަދު ވަނީ 700އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި 200އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަލުން ޙަމަލާތައް ދޭން ފެށިތާ ތިންވަނަ ދުވަސް ކަމުގައިވާ މާރިޗު މަހުގެ 20ވަނަ ދުވަހު ޣައްޒާގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި މިހާތަަނަށް 85 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި އަލަށް ވިހޭ ތުއްތު ކުއްޖަކާއި ގިނަ ޢަދަދެއްގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމް ވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ޚާން ޔޫނިސްގެ ގޭގެއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއްގައި ޝަހީދުވި 20 މީހުންނާއި ބައިތު ލާހިޔާގެ ގެއަކަށް ދިން ޙަމަލާއެއްގައި ޝަހީދުވި 7 މީހުން ހިމެނެއެވެ. އެ ޙަމަލާތަކުގައި މީހުން ދިރިއުޅޭ 11 އިމާރާތެއް ވެސް ވަނީ ބިމާ ހަމަކޮށްލައިފައެވެ. އިމާރަތްތަކަށް ޙަމަލާދޭއިރު ޢާންމުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އެއްވަސް ފުރުޞަތެއް ޔަހޫދީން ނުދެއެވެ.

މާރިޗު މަހުގެ 19ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާތަކުގައި އދގެ މަރުކަޒަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި އދގެ ބޭރު ޤައުމަކަށް ނިސްބަތްވާ މުވައްޒަފަކު ވަނީ މަރުވެފައެވެ. އަދި އިތުރު ފަސް މުވައްޒަފުންނަށް ވަނީ ޒަޚަމް ވެފައެވެ.

އެ ޙަމަލާއާ ގުޅިގެން އދގެ އިންސާނީ އެހީ ދިނުމާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތައް ޣައްޒާގައި ހުންނަ އދގެ މަރުކަޒަކަށް އަމާޒު ކޮށްފައިވާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ޢާންމުންނަށް ޙަމަލާ ނުދެވޭނެ ކަމަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އދގެ މުވައްޒަފުންނާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙަމަލާއާ ގުޅޭ ފުރިހަމަ ތަހުޤީޤެއް ކުރަންޖެހޭ ކަމަށާއި ޙަމަލާއާމެދު ޖަވާބުދާރީ ކުރުވުމަށް ޤައުމުތަކުން ގޮވައިލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔަހޫދީންގެ ޙަމަލާތަކުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ފަސް މުވައްޒަފުން ވެސް މަރުވެފައިވެއެވެ. އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވިދާޅުވީ މިހާތަނަށް މަރުވެފައިވާ އުންރުވާގެ މުވައްޒަފުންގެ ޢަދަދު 284އަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން އެއްގަމު މަގުން ޣައްޒާއަށް އަރަމުންދާއިރު މިހާރު ވަނީ ނެތުސާރީމް ކޮރިޑޯ އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ ސަބަބުން ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް މިހާރު އޮތީ އެހެން ސަރަޙައްދުތަކާ ވަކިވެފައެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮޮށްފައި އޮތް ދުވަސްވަރު ނެތުސާރީމް ކޮރިޑޯ މެދުވެރިކޮށް އުތުރުގެ ސަރަޙައްދުތަކަށް ދެވުނު ނަމަވެސް މިހާރު އެ ކޮރިޑޯ ބޭނުން ކޮށްގެން އުތުރުގެ ސަރަޙައްދުތަކަށް ދިޔުމަށް ފަސޭހައެއް ނޫނެވެ.