ޚަބަރު

ސޫރިޔާއާއި ލުބުނާނުގެ ފައުޖުތަކުން ޙަމަލާ ބަދަލުކުރަނީ


ސޫރިޔާއާއިި ލުބުނާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ އަސްކަރީ ފައުޖުތަކުން ޙަމަލާ ބަދަލުކުރަން ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ސޫރިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ސޫރިޔާގެ ސަރަޙައްދަށް ވަދެ، ސޫރިޔާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ތިން ސިފައިން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޙިޒްބުاللهން ވަނީ އެ ކަމުގައި ޙިޒްބުاللهގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައެވެ. ލުބުނާނުގެ ސަލާމަތީ މަސްދަރަކުން ބުނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ލުބުނާނުގެ ސަރަޙައްދަށް ވަނީ ސޫރިޔާގެ ސިފައިން ކަމަށާއި އެ މީހުން މަރުވީ އެ ސަރަޙައްދުގައި އޮތް އަވަށެއްގެ ހަތިޔާރު އެޅި މީހުން އެ މީހުންގެ އަވަށަށް ޙަމަލާދެނީ ކަމަށް ހީކޮށް އަމިއްލަ ދިފާޢުގައި ދިން ޙަމަލާތަކެއްގައި ކަމަށެވެ.

ތިން ސިފައިންގެ މަރާ ގުޅިގެން ސޫރިޔާގެ ސިފައިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ލުބުނާނުގެ ބޯޑަރު އަވަށްތަކަށް ޙަމަލާ ދީފައެވެ. ސޫރިޔާގެ ދިފާޢީ ވުޒާރާއިންނާއި ލުބުނާނުގެ އަސްކަރިއްޔާއިން ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

ޙަމަލާތަކާ ގުޅޭގޮތުން ލުބުނާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޙަމަލާތަކުގައި ކުޑަކުއްޖަކު މަރުވެފައިވާ ކަމަށާއި ހަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. ސޫރިޔާގެ އަސްކަރިއްޔާގެ ޙަމަލާތަކުން ސަލާމަތްވުމަށް ބޯޑަރާ އެއް ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ އަލް-ޤަސްރުގެ މީހުން ވަނީ ރަށު ތެރޭގައި އޮންނަ ސަރަޙައްދުތަކަށް ގޮސްފައެވެ.

ލުބުނާނުގެ ސަރުކާރުން ބުނީ ސޫރިޔާއާ ލުބުނާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ސޫރިޔާގެ އިދާރާތަކާ ގުޅިގެން އިތުރަށް ވަރުގަދަ ކުރުމަށް ކަމާބެހޭ ވަޒީރުންނަށް އަންގާފައިވާ ކަމަށެވެ.

ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވިދާޅުވީ ސޫރިޔާގެ އުތުރާއި އިރުމަތީ ސަރަޙައްދީ ރޮނގާ ދިމާލުން ލުބުނާނަށް އަމާޒުވާ ޙަމަލާތަަކަށް ރައްދު ދިނުމަށް އަސްކަރިއްޔާއަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރަޙައްދީ ރޮނގު ކައިރީގައި ހަމަނުޖެހުންތައް ހިންގުމަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މަރުވި ތިން ސިފައިންގެ ހަށިތައް ސޫރިޔާއާ މިހާރު ޙަވާލު ކޮށްފައިވާ ކަމަށެވެ. އަދި ސޫރިޔާއިން އަމާޒު ކުރި ޙަމަލާތަކަށް ރައްދު ދީފައިވާ ކަމަށާއި ބޯޑަރު ސަރަޙައްދު ވަރުގަދަ ކުރުމަށް އިތުރު ސިފައިން މިހާރު ފޮނުވާފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ސޫރިޔާގެ އަސްކަރިއްޔާއިން ވެސް ވަނީ ސިފައިންނާއި ޓޭންކަރުތައް ބޯޑަރު ސަރަޙައްދަށް ގެންގޮސްފައެވެ. އެއީ ކުރިއަށް އޮތްތަނުގައި ސޫރިޔާގެ ސަރަޙައްދަށް ހުރަސް ނުވަދެވޭނެކަން ޔަޤީން ކުރުމަށް އަޅާފައިވާ ފިޔަވަޅެް ކަމަށް ބޯޑަރު ސަރަޙައްދުގައި ޙަރަކާތްތެރިވާ ސޫރިޔާ ސިފައިންގެ އިސްވެރިޔާ މާހިރު ޒިވާނީ ވަނީ ބުނެފައެވެ.