އެކުވެރި ޢަރަބި އިމާރާތުގެ ޔޫއޭއީ ފުޑް ބެންކުން ބޭނުން ޖެހިފައިވާ މީހުންނަށް މި ރަމަޟާން މަހުގެ ތެރޭގައި ހަތް މިލިޔަން ކެއުން ބެހުމަށް ޚާއްޞަ ކެންޕޭނެއް ފަށައިފިއެވެ.
ޔޫއޭއީގެ ސަރުކާރުން ބުނީ ދަތި ޙާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވަނީ އެ ޤައުމުގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދުގެ އަނބިކަނބަލުން، ޝައިޚާ ހިންދު ބިން މަޚްތޫމްގެ އެންގެވުމަށް ކަމަށެވެ.
ޔޫއޭއީ ފުޑް ބެންކުގެ ބޯޑުގެ ނައިބު ރައީސް މަރުވާން އަޙްމަދު ބިން ޣަލީތާ ވިދާޅުވީ ޔުނައިޓެޑް އިން ގިވިންގގެ ނަމުގައި ފަށާފައިވާ ކެންޕޭނުން ޒަމާނުއްސުރެ ޔޫއޭއީއިން ފެންނަމުންދާ ދީލަތިކަމާއި އޯގާތެރިކަން އިތުރަށް ދައްކުވައިދޭނެ ކަމަށެވެ. އެ ކެންޕޭނަކީ އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާއި ދީލަތި އެހީތައްދޭ މީހުންނާއި ޖަމްޢިއްޔާތަކަށް އެތައް މިލިޔަން ބަޔަކަށް އެހީތެރިވުމަށް ލިބޭ ފުރުޞަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެ ކެންޕެއިނަކީ ޔޫއޭއީގައި އިޖުތިމާޢީ ޒިންމާ އަދާ ކުރުމުގެ ސަގާފަތެއް ޤާއިމު ކޮށް، އެ ޤައުމަކީ އިންސާނީ މަސައްކަތްތައް ކުރާ އަދި ހިލޭ ސަާބަހަށް މަސައްކަތް ކޮށްދޭ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތާ ވެސް ގުޅިފައިވާ ކެންޕޭނެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
“މި ޤައުމުގައި އިތުރުވާ ކާބޯތަކެތި އެއްކޮށް، އެ ބެހުމުގެ ކަންކަން އިންތިޒާމް ކޮށް ދުނިޔޭގެ އެކި ކަންކޮުތަކުގައި ތިބި މީހުންނަށް އެ ތަކެތި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ޔޫއޭއީ ފުޑް ބެންކުން އަބަދު ވެސް މަސައްކަތް ކުރަމުން ދާނެ،” އޭނާ ވިދާޅުވިއެވެ.
މަރްވާން އިތުރަށް ވިދާޅުވީ ވަކި ޚާއްޞަ އޮނިގަނޑެއްގެ ތެރެއިން މެދުކެނޑުމެއް ނެތި ދެމެހެއްޓެނެވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ މަސައްކަތުގެ އަމާޒެއް ކަމަށެވެ. ފަޤީރު ޙާލަތުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވެ އެ މީހުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކާއި ތަކުލީފުތައް ފިލުވައިދީ އިޖުތިމާޢީ އެއްބައިވަންތަަކަން އިތުރު ކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެ ކެންޕޭނަކީ ކާބޯތަކެތި އިސްރާފުވާ މިންވަރު މަދުކޮށްދޭ، އަދި ތިމާވެއްޓަށް ވެސް ހެޔޮ އަސަރެއް ކުރާނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެންޕޭނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ ގޮތުން ‘ބްލެސިންގ ބާސްކެޓް’ގެ ނަން ދީފައިވާ ފުރަތަމަ ބައިގެ ދަށުން ދުވާލަކު 200،000އަށް ވުރެ ގިނަ ކެއުން ބެހުމަށް ހަމަޖެހި ވެއެވެ. އެ ތަކެއްޗަކީ ޢާންމުންނާއި ވިޔަފާރިތަކާއި ޖަމުޢިއްޔާތަކުން ހަދިޔާ ކުރާ ކާބޯތަކެއްޗާއި އިތުރުވާ ކާބޯތަކެތިން ފޯރުކޮށްދޭ ކެއުން ތަކެކެވެ. ދެވަނަ ބަޔަކީ ‘ޒަބީލް އިފްތާރު’އެެވެ. މި ބައިގެ ދަށުން ޔޫއޭއީގައި މަސައްކަތްކުރާ 3،000 މީހުންނަށް ރޯދަ ވިއްލުމަށް ކާބޯތަކެތި ފޯރުކޮށްދޭނެއެެވެ. ތިންވަނަ ބަޔަކީ ‘ސަރޕްލަސް އޮފް ގުޑް’އެވެ. އެއީ ޔޫއޭއީ ފުޑް ބެންކާއި ޓީވީ ޗެނަލަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެކެވެ. އެ ބައިގެ ދަށުން ދެމެހެއްޓެނެވި ގޮތެއްގައި ކާބޯތަކެތި ބޭނުން ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާނެއެވެ. ސަރޕްލަސް އޮފް ގުޑްގެ ދަށުން ރެސްޓޯރަންޓުތަކާއި ހޮޓާތަކާއި ކެފޭތަކުގެ އިތުރުން ވިޔަފާރުތަކާއި ގޭގޭގައި ތައްޔާރުކުރާ ކާބޯތަކެތީގެ ތެރެއިން އިތުރުވާ ނުވަތަ އިސްރާފުވާ ބައި އެއްކޮށް، އެ ތަކެތި ބޭނުން ޖެހިފައިވާ މީހުންނަށް ބަހާނެއެވެ.
ޔޫއޭއީ ފުޑް ބެންކުގެ އެކްސެކިއުޓިވް ޓީމުގެ އިސްވެރިޔާ، މަނާލް ބިން ޔަރޫފް ވިދާޅުވީ ސަރޕްލަސް އޮފް ގުޑްގެ ދަށުން ޓީވީ ޝޯވއެއް ތައްޔާރު ކޮށް، ހަ އެޕިސޯޑަށް ބަހާލައިގެން ގޭގޭގައި އިތުރުވާ ކާނާއިން ޞިއްޙަތަށް ފައިދާހުރި ކާނާ ތައްޔާރު ކުރުމަށް އެކި ރެސިޕީތައް ކިޔައިދޭނެ ކަމަށެވެ. ގިނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފަސް ބަހަކުން މި ޕްރޮގުރާމު ހުށަހަޅައިދޭނެއެވެ.