ޚަބަރު

ރަޝިޔާއާއި ޔޫކްރެއިނުން ވައިގެ ޙަމަލާތައް ބަދަލުކުރުން ވަރުގަދަކޮށްފި، ޞުލްޙަ ޤާއިމުކުރުމުގެ ފުރުޞަތު ގެއްލެނީ


ރަޝިޔާގެ ޑްރޯން ޙަމަލާއެއް އަމާޒުވި އިމާރާތަކުން އަލިފާން ނިއްވުމުގައި ޔޫކްރެއިނުގެ އަލިފާން ނިވާ ސިފައިން ހަރަކާތްތެރިވަނީ. | ފޮޓޯ: ރޮއިޓަރސް

ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ވައިގެ ޙަމަލާތައް ބަދަލުކުރުން ވަރުގަދަކޮށްފައިވާއިރު، ތިން އަހަރުވީ ހަނގުރާމައިގެ ތެރެއިން ޙަމަލާތައް ހުއްޓައިލަން ހުށަހަޅާފައިވާ އެއްބަސްވުމުގައި ޢަމަލީ ސިފަ ޖެއްސުމުގެ ފުރުޞަތު މަޑުމަޑުން ގެއްލެމުންދާކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ޔޫކްރެއިން ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރަޝިޔާއިން ތާޢީދު ކުރި ނަމަވެސް، އެމެރިކާގެ ހުށަހެޅުންތަކަށް ބޮޑެތި ބަަދަލުތަކެއް ގެންނަން ޖެހޭ ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކަށް އަރައިގެންފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެއްސުމަށް ރަޝިޔާގެ އަސްކަރީ އޮޕަރޭޝަނަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާއިރު، ދެ ފަރާތުން ވެސް ވަނީ ވައިގެ ޙަމަލާތައް ދިނުން ވަރުގަދަކޮށްފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ރަޝިޔާގެ އެކި ސަރަޙައްދުތަކަށް ވަދެ ޙަމަލާދެން މަސައްކަތް ކުރި ޔޫކްރެއިނުގެ 31 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.

ބޯޑަރުގެ އަނެއް ފަޅީގައި، ރަޝިޔާއިން ދިން ޑްރޯން ޙަމަލާއެއްގައި ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުގައި ހުރި މީހުން ދިރިއުޅޭ އުސް އިމާރާތެއްގައި ރޯވެ، އަލިފާން ނިއްވުމުގައި ކަމާގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޔޫކްރެއިނު ސަރުކާރުން ބުންޏެވެ.

މީގެއިތުރުން ޔޫކްރޭނުގެ ވެރިރަށް ކިޔޭވްގެ ވަށައިގެން ހުރި ސަރަޙައްދުތަކުގައި ވެސް ބާރުގަދަ ގޮވުންތަކުގެ އަޑުއިވެމުންދާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެތަކެއް ސަތޭކަ ހާސް ބަޔަކު މަރުވެ، ޒަޚަމުވެފައިވާއިރު، އެތަކެއް މިލިޔަން ބަޔަކު ވަނީ ގެދޮރު ނެތިފައެވެ.

އަދި، ޔޫކްރެއިންގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ރަޝިޔާގެ ބައެއް ސަރަޙައްދުތައް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ހަނގުރާމަ ފެށުމާ އެކު އެމެރިކާއާއި ހުޅަނގުން ވަނީ ޔޫކްރެއިންގެ ފަޅިއަށް އަރައި، އެ ޤައުމަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައި ވަނީ ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުންނެވެ.