ޚަބަރު

މުސްލިމުންނާ މެދު ނަފުރަތު އުފެއްދުން އިތުރުވެއްޖެ: ގުތެރޭޝް


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދެ ބިލިޔަނެއްހާ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމާއި، އެ މީހުންނާ ދެކޮޅަށް ނަފުރަތުގެ އަމަލުތަކާއި އަދާވާތްތެރި ކަމުގެ ކުށްތައް ހިންގުން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައި ވިދާޅުވެ، އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް އިންޒާރު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ އިސްލާމްދީނާއި މުސްލިމުންނަށް އަމާޒުކޮށް ހިންގާ ތަފާތު ކުރުމާއި އަދާވާތްތެރި ކަމުގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.

"
މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމާއި ތަފާތު ކުރުމުގެ ކުށްތައް އިތުރުވަމުންދާ މަންޒަރު އަޅުގަނޑުމެންގެ ލޯތަކަށް މި ދަނީ ފެންނަމުން،"
އެންޓޯނިޔޯ ގުތެރޭޝް، އދގެ ސެކްރެޓަރީ ޖެނެރަލް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދެ ބިލިޔަނެއްހާ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމާއި، އެ މީހުންނާ ދެކޮޅަށް ނަފުރަތުގެ އަމަލުތަކާއި އަދާވާތްތެރި ކަމުގެ ކުށްތައް ހިންގުން އެތަކެއް ގުނައަކުން އިތުރު ވެފައިވާ ކަމުގައި އދގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވެސް ދަނީ ބުނަމުންނެވެ. މި ކަމަށް ބާރުދޭ ހެކިތަކާއި ތަފާސްހިސާބުތައް ވެސް އެ ޖަމުޢިއްޔާތަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޢަރަބި ދަރިކޮޅުގެ މީހުންނާ މެދު ހިންގާ އެ ފަދަ ކުށްތައް އިތުރުވެފައިވާ ކަމުގައި ވެސް އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ފާހަގަ ކުރެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މި ފަދަ ކުށްތައް އެންމެ ފަހުން އިތުރުވާން ފަށާފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޢުދުވާނާއި ޤަތުލުޢާންމާ ގުޅިގެންނެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ހިންގަން ފެށި ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޣައްޒާއިން 61,700ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. އަދި، 111,000ށްވުރެ ގިނަ މީހުން ޒަަޚަމު ކޮށްލިއެވެ.

"މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމާއި ތަފާތު ކުރުމުގެ ކުށްތައް އިތުރުވަމުންދާ މަންޒަރު އަޅުގަނޑުމެންގެ ލޯތަކަށް މި ދަނީ ފެންނަމުން. ނަސްލީ ތަފާތު ކުރުމާއި، [މުސްލިމުންގެ] އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އަރަގަތުމަށް ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި، މުސްލިމުންނާ ދެކޮޅަށް ލޭއޮހޮރުވުމުގެ ކުށްތައް ހިންގުމާއި އަޅުކަން ކުރާ ތަންތަނަށް [މިސްކިތްތަކަށް] ޚަމަލާ ދިނުން،" ގުތެރޭޝް ވިދާޅުވިއެވެ.

މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް މީސްމީޑިޔާގެ މަންސަތަކުގައި އިތުރުވެފައިވާ ކަން ފާހަގަ ކުރައްވައި، ގުތެރޭޝް ވަނީ އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "އޮންލައިން މަންސަތައް މެދުވެރިކޮށް [މުސްލިމުންނާ ދެކޮޅަށް ފަތުރާ] ނަފްރަތުގެ ވާހަކަތާއި ގޯނާ ކުރުން އެ މަންސަތަކުން ހުއްޓުވަން ޖެހޭ. ތަފާތު ކުރުމާއި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ނަފުރަތު ކުރުމުގެ އަމަލުތަކާ ދެކޮޅަށް އަޅުގަނޑުމެން އެންމެން އަޑުއުފުލަން ޖެހޭ،" ގުތެރޭޝް ގޮވައިލެއްވިއެވެ.

ޣައްޒާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލަމުންދާ މީހުންނާ މެދު ފާޅުކުރަމުންދާ ނަފުރަތުގެ ޚިޔާލުތަކާއި ބަސްތަކުގެ އިތުރުން އަމާޒު ކުރަމުންދާ ޙަމަލާތައް އެތަކެއް ގުނައަކަށް އިތުރުވެފައި ވަނީ ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރުންގެ ފުށުންނެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލައި ވަކާލާތު ކުރާ އެމެރިކާގެ ރައްޔިތުންނާއި އެކްޓިވިސްޓުން ވެސް ބުނީ އެ މީހުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ ކުށްތައް އިތުރުވެފައިވާ ކަމުގައެވެ. އެމެރިކާގެ އިތުރުން މުސްލިމުންނާ ދެކޮޅަށް ހިންގާ ކުށްތައް އެންމެ ބޮޑަށް އިތުރުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އިންޑިޔާ ހިމެނޭ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.