ޚަބަރު

ޢިރާޤާއި ސޫރިޔާގެ އައިއެސް ލީޑަރު މަރާލާފައިވާ ކަމަށް ޢިރާޤުގެ ބޮޑުވަޒީރު ޢިޢުލާނު ކުރައްވައިފި


ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސް ޖަމާޢަތުގެ ޢިރާޤާއި ސޫރިޔާގެ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ އިޢުލާނު ކުރައްވައިފިއެވެ.

އައިއެސްގެ ޢިރާޤާއި ސޫރިޔާ ސަރަޙައްދުގެ އިސްވެރިޔާގެ ގޮތުގައި ހުރި އަބްދުالله މައްކީ މުސްލިޙް އަލް-ރުފައިޢީ، ނުވަތަ މަޝްހޫރު ނަމުން ނަމަ އަބޫ ޚަދީޖާއަކީ ޢިރާޤާއި މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ނުރައްކާތެރި އެއް ނިރުބަވެރިޔާގެ ގޮތުގައި ސިފަ ކުރައްވާ ބޮޑު ވަޒީރު އަލް-ސޫދާނީ ވިދާޅުވީ އަބޫ ޚަދީޖާ މަރާލާފައި ވަނީ އެމެރިކާ އިސްވެ އޮވެ އައިއެސްއާ ދެކޮޅަށް މަސައްކަތްކުރާ އިއްތިޙާދުގެ އެހީތެރިކަމާއެކު، ޢިރާޤުގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.

އައިއެސް ޖަމާޢަތަކީ އެއްދުވަސްވަރެއްގައި ޢިރާޤާއި ސޫރިޔާގެ ބޮޑު ސަރަޙައްދެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސް އެތައް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެ ދެ ޤައުމުގެ ރައްޔިތުންގެ މައްޗަށް ހަރުކަށިފިކުރުގެ ވެރިކަމެއް ހިންގާފައިވާ ޖަމާޢަތެކެވެ. 2014ވަނަ އަހަރު އައިއެސްގެ އޭރުގެ އިސްވެރިޔާ އަބޫބަކުރު އަލް-ބަޣްދާދީ ވަނީ ޢިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކުގައި ޚިލާފަތެއް ޤާއިމު ކޮށްފައިވާ ކަމަށް އިޢުލާނު ކޮށްފައެވެ. 2019ވަނަ އަހަރު އެމެރިކާގެ ޚާއްޞަ އަސްކަރީ ފައުޖަކުން ސޫރިޔާގެ ހުޅަނގުއުތުރުގެ ސަރަޙައްދެއްގައި ވަނީ އޭނާ މަރާލައިފައެވެ. އެއާއެކު އައިއެސް ޖަމާޢަތް ބަލިކަށިވެ އެ ޖަމާޢަތުގެ ބާރު ގެއްލިގެން ދިޔައެެވެ. މެދުއިރުމައްޗާއި ހުޅަނގާއި އޭޝިޔާގައި އެ ޖަމާޢަތުގެ ނުފޫޒު އަނެއްކާ ވެސް އިތުރު ކުރުމަށް އެ ޖަމާޢަތުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވެސް ބުނީ އެތައް އަހަރެއް ވަންދެން ބަލިކަށިވެފައި އޮތުމަށް ފަހު އަލުން އައިއެސް ޖަމާޢަތް އެކުލަވާލުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޮމާންޑުން އެ ގޮތަށް ކަނޑައެޅީ 2024ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޢިރާޤާއި ސޫރިޔާގައި 153 ޙަމަލާ އައިއެސުން ދީފައިވާ ކަމަށް އެ ޖަމާޢަތުން ބުނި ބުނުމުގެ މައްޗަށް ބިނާ ކޮށެވެ. އެ ޢަދަދަކީ އެ ޖަމާޢަތުން އޭގެ ކުރީ އަހަރު ޙަމަލާ ދީފައިވާ ޢަދަދު މި އަހަރު ދެގުނަ ކުރެވޭނެ ކަމަށް ބެލެވޭވަރުގެ ޢަދަދެއް ކަމަށް އެ ކޮމާންޑުން ވަނީ އަންދާޒާ ކޮށްފައެވެ.