އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ގްރޫޕް ބީގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ގުރޫޕުގެ އެއްވަނައަށް ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ޖެހިލައިފިއެވެ.
މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުން ސްޓެލްކޯ މޮޅުވީ 4-2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިގެންދިޔައެވެ. ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ދަ ގްރާންޑޭ އެވެ. އަބްދުﷲ ހަފީޒް ކާމިޔާބުކޮށްދިން ލަނޑުން ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ސްޓެލްކޯއިން ނަތީޖާ ހަމަހަމަކުރީ އަހުމަދު ޝިޔާން މުހަންމަދު އާދަމް ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ މިނަތީޖާއެކުއެވެ.
މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއަށް ނުކުޅެވުމުގެ ފައިދާ ނެގީ ސްޓެލްކޯއިންނެވެ. އެގޮތުން މުހައްމަދު ވަހީދު ކާމިޔާބުކުރި ލަނޑާއެކު ސްޓެލްކޯއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ސްޓެލްކޯގެ ލީޑު އިތުރަށް ފުޅާކުރީ އިއްޒަތު އަބްދުލް ބާރީ ޖަހައިދިން ލަނޑަކުންނެވެ. ސްޓެލްކޯއަށް 4 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިއްޒަތެވެ.
ދަ ގްރާންޑޭގެ ދެވަނަ ލަނޑު، ކާމިޔާބުކޮށްދިނީ މެޗުގެ ފަހު ވަގުތު ލިބުނު ޕެނެލްޓީއަކުން ހަފީޒެވެ. މި ނަތިޖާ އެކު ގުރޫޕް ބީގެ އެއްވަނައަށް ސްޓެލްކޯ ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. މުއިވެޔޮ ފްރެންޑް ދެވަނައިގަ އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ދަ ގްރާންޑޭ އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށްގެންނެވެ.
ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ޕޮލިސް އޮތް އިރު މި ގުރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އީގަލްސްއެވެ.