ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާން މަހުގެ ފަހު 15ގެ ޢުމްރާއަށް 350އަށްވުރެ ގިނަ މީހުން ދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފަހު 15ގައި ޢުމްރާއަށް ދާ މީހުންނަށް، މަޢުލޫމާތުދިނުމުގެ ސެޝަން ރޭ ބާއްވާފައިވަނީ އޮލިމްޕަހުގައެވެ.
މި ރަމަޟާން މަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާގެ އަޅުކަން އަދާކުރާނެއެވެ. އޭގެތެރޭގައި މުޅި ރަމަޟާން މަހުގެ ޢުމްރާވެރިންނާ އަދި ފަހު 15އަށް ދަތުރުކުރާ މީހުން ހިމެނެއެވެ.
ފަހު 15އަށް ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ދަތުރުކުރާ ފަރާތްތަކުގެ ތަމްރީން އަދި މަޢުލޫމާތު ދިނުމަށް ވަނީ ޚާއްޞަ ސެޝަނެއް ބާއްވާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން ޙަސަން ސިނާން ވިދާޅުވީ، މި ތަމްރީން ސެޝަންގައި، ޢުމްރާވެރިން މާލެއިން ފުރުމުގެ ކަންކަމާހަމައިން ފެށިގެން މުޅި ދަތުރު ނިންމާ ރާއްޖެ އައުމާ ހަމައަށް ކަންކަން ކުރަންވީ ގޮތް ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާކަމަށެވެ. އެގޮތުން ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި ދީނީ މަޢުލޫމާތާއި، އިދާރީގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ މަޢުލޫމާތު ވަނީ ދީފައެވެ. މީގެ 3 ބައްދަލުވުމެއް އޮންލައިންކޮށްވެސް ބާއްވާފައިވެއެވެ.
"ޢުމްރާ ދަތުރު ފަށާހިސާބުން ފެށިގެން ދީނީ ކަންކަމާއި، ޢުމްރާ ވެރިން ކުރުން މަނާ ކަންކަމާއި، އެހީތެރިކަން ބޭނުންވާ ޙާލަތުގައި ޢަމަލުކުރާނެ ކަންކަމާ އަދި މިނޫންވެސް ވަރަށް ގިނަ މުހިންމު މަޢުލޫމާތު ވަނީ ޙިއްސާކޮށްފަ." ޙަސަން ސިނާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ޢުމްރާއަށް ދާ ފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާ މުހިންމު މަޢުލުމާތުއަށް އޮޅުންފިލުވުމުގެ ފުރުޞަތާއި ޢުމްރާވެރިންގެ ބައެއް އިދާރީ ކަންކަންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރަމަޟާން މަހުގެ ފަހު15އަށް ދަތުރުކުރާ ޢުމްރާވެރިން ސަޢުދީއަށް ފުރާނީ ހޮނިހިރު ދުވަހުގެ ފަތިހު 04:50ގައި ސަޢުދީ އެއަރލައިންގެ ފްލައިޓުންނެވެ.