ރަމަޟާން މަހުގެ އިނާޔަތް ނުދީގެން ހުށައެޅި ޝަކުވާތައް ބަލަމުންދާ ކަމަށާއި، ރޯދަ އިނާޔަތް ނުދޭނަމަ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅައްވާނެކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވީ ރަމަޟާން މަހުގެ ޢިނާޔަތް ނުދޭކަމަށް ބުނެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 33 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށައެޅި މީހުންގެ ތެރޭގައި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފަކު ނުހިމެނޭކަމަށްވެސް އެއޮތޯރިޓީން ވިދާޅުވިއެވެ.
އަދި ޝަކުވާތައް ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ޝަކުވާތައް ބެލުމަށްފަހު ރޯދަ އިނާޔަތް ނުދޭނަމަ، އިނާޔަތް ދިނުމަށް ވަކި މުއްދަތެއްދީ، އެ މުއްދަތުގެ ތެރޭގައި ނުދީފިނަމަ ޤާނޫނުގައި ބަޔާންކުރާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން ވޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން -/3,000 ރުފިޔާ ދޭންޖެހޭނެއެވެ. އަދި މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތައްވެސް ހިމަނަންވާނެކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން އެ ޤާނޫނާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެންމެ ގިނަގެން 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު އެލްއާރުއޭއަށް ލިބެއެެވެ.