ޑްރަގް ކޯޓުން މިދިޔަ އަހަރު 690އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑްރަގް ކޯޓުން މައްސަލައެއް ނިންމައިފިކަމުގައި ބަލާނީ އެ މައްސަލައާ ގުޅިގެން ފުރަތަމަ ޙުކުމް އިއްވުމުން ނުވަތަ އެ މައްސަލައެއް އެކި ސަބަބުތަކާ ހުރެ އަނބުރާ ފޮނުވާލުމުންނެވެ. ފުރަތަމަ ޙުކުމަކީ ދަޢުވާ ލިބޭ މީހާ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އިޢުތިރާފު ވާނަމަ، ދަޢުވާގައި ތުހުމަތު ކުރެވިފައިވާ ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ ޢުޤޫބާތް ކަނޑައަޅައި އިއްވޭ ޙުކުމެކެވެ. ދަޢުވާ އުފުލުމަށްފަހު ޑްރަގް ކޯޓަށް މައްސަލަ ހުށައަޅާނީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުންނެވެ.
ޑްރަގް ކޯޓުން ޢާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެ ކޯޓުން ނިންމަވާފައިވަނީ 688 މައްސަަލައެވެ. ނަމަވެސް މިދިޔަ އަހަރު އެ ކޯޓުން 694 މައްސަލައެއް ނިންމަވަފާއިވެއެވެ. މިއީ 6 މައްސަލައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ ޑްރަގް ކޯޓުން ފުރަތަމަ ޙުކުމް ކޮށްފައިވާ މައްސަލަތަކާއި އެކި ސަބަބުތަކާ ހުރެ އަނބުރާ ފޮނުވާލާފައިވާ މައްސަލަތަކެވެ.
އަހަރީ ރިޕޯޓުތަކުގައިވާ ގޮތުން 2024 ވަނަ އަހަރު ޑްރަގް ކޯޓުގައި 728 މައްސަލައެއް ރަޖިސްޓްރީކުރައްވާފައިވާއިރު 2023 ވަނަ އަހަރު ރަޖިސްޓްރީކުރައްވާފައިވަނީ 658 މައްސަލައެވެ. އަދި 2024 ވަނަ އަހަރު ނިމުނުއިރު، އެހާ ތަނަށް ޖުމްލަ 11415 މައްސަލައެއް ޑްރަގް ކޯޓަށް ހުށައަޅާފައިވެއެވެ. އަދި މީގެ ތެރެއިން ނުނިމިވަނީ 1،419 މައްސަލައެވެ. މީގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޙުކުމް ނުކުރެވޭ 146 މައްސަލައާއި ފުރަތަމަ ޙުކުމް ކުރެވި ވަކި ގޮތެއް ނުނިމޭ 1273 މައްސަލައެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޑްރަގް ކޯޓުން ނިންމި 694 މައްސަލައިގެ ތެރެއިން 579 މައްސަލައަކީ ފުރަތަމަ ޙުކުމްކޮށްފައިވާ މައްސަލަތަކެވެ. އަދި ބާކީ 115 މައްސަލައަކީ އެކި ސަބަބުތަކާ ހުރެ އަނބުރާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާލާފައިވާ މައްސަލަތަކެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގައި އެމީހުން ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ ކޯޓެކެވެ. މި ކޯޓުގައި 5 ޤާޟީން ތިއްބަވާއިރު، ކޮންމެ މައްސަލައެއްވެސް ބައްލަވަނީ 1 ޤާޟީއެވެ. މައްސަލަ ބައްލަވާނެ ޤާޟީއެއް ކަނޑައަޅުއްވަނީ އިސް ޤާޟީއެވެ.