މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައެއް ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ސަރުކާރުން އިޢުލާނުކުރައްވައިފިއެވެ. މިއީ ދީނީ ކަންކަމަށް ފުރުޞަތު ފަހިކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހަމަޖެއްސެވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މިގޮތުން އެންމެ ފުރަތަމަ ރަމަޟާންމަހެއްގައި ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގަިއ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ރަމަޟާންމަހުއެވެ.
ރަމަޟާންމަހުގެ ފަހުދިހައެއް ބަންދުކުރިނަމަވެސް، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވާފައެވެ.