އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހާނީ މިފްކޯގެ ފިހާރަތަކުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިރަމަޟާން މަހަށް ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިހާތަނަށް އައިއިރު މާލެ ސަރަހައްދުގެ 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ގިނަ ގޭބިސީތަކަށް ރޯދަ ހަދިޔާ ދޫކޮށްފައިވުމާއެކު އަންނަ އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެތަންތަނުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރި ނަމަވެސް ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށެވެ.
މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ވަނީ ރޯދަ ހަދިޔާ ފޯރުކޮށްދެވިފައި.
— Adam Shareef Umar (@Adamshareefz) March 9, 2025
9 މާޗް (މިރޭ) އަދި 10 މާޗް ވަނަ ދުވަހުގެރޭ މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ.
ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ…
މިހާރު މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދަނީ ރޭގަނޑު 08:00 އިން 12:00 އަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މަސްދަޅު ކޭސް ބަލާ ދާއިރު އެފަރާތެއްގެ އައިޑީކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެންދިއުމަށް ވަނީ އެދިފައެވެ. އަދި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، ( ކަރަންޓު 3 މީޓަރަށް) 3 ކޭސް މަސްދަޅެވެ.